ހއ. އުތީމުގެ ކޮންމެ އާއިލާއެއްގައި މިހާރު ޖަމާޢަތްތެރިއަކު ހުންނާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް މިކަން ހާމަކުރެއްވީ އެ ރަށުގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމާ ގުޅިގެން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

މި ތަމްރީނު ޕްރޮގްރާމަކީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، އުތީމު ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިއީ ރަށުގައި މައްޔިތުން ހިނެވުމުގެ ކަންކަމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައި ހިންގި ތަމްރީނެކެވެ.

"ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މީގެ ކުރިން އުތީމުގައި މައްޔިތުން ހިނެވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައީ އެންމެ ތިން މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެނަކާއި ދެ ފިރިހެނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ޕްރޮގްރާމާއެކު ގިނަ ޒުވާނުންތަކެއް މި ދާއިރާއަށް ނުކުތުމަކީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އާއިލާތަކުން އިސްނަގައިގެން މައްޔިތުން ހިނެވުމުގެ ކަންކަން އަމިއްލައަށް ކުރިއަށްގެންދެވޭ ގޮތަށް ކަންކަން ހަމަޖެހި، ރަށުގެ ކޮންމެ އާއިލާއެއްގައި ވެސް މިހާރު ހިނަވާނެ މީހަކު ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމް ޖުމްލަ 28 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ. އަދި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި ޖަމާޢަތްތެރިކަމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފައެވެ.

އުތީމުގައި ޖަމާޢަތްތެރިކަމުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށްޓަކައި 2019 ވަނަ އަހަރު ކައުންސިލުގެ ފަރާތުން ވަނީ އެ ރަށުގައި ހިނަވާގެއެއް ވެސް ޤާއިމްކޮށްފައެވެ. އެހެންކަމުން، އަލަށް ތަމްރީނުވި ބައިވެރިންނާއެކު މި ޚިދުމަތް ދިނުމުގައި ރަށަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.