އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދަނޑުވެރިން ޒައިތޫނި ބިންނަމުން ދިޔަ ވަގުތު، ޔަހޫދީ ވަޒަންވެރިން ހިންގި ސިލްސިލާ އަނިޔާވެރި އަމަލުތަކެއްގައި މީހުންނަށް ކުއްތާ ދޫކޮށް، ގަސްތައް އަންދައި އުފުރައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މެންދުރުވުމާ ހަމައަށް އެކަނިވެސް ޔަހޫދީން މިފަދަ 19 ހަމަލާއެއް ދީފައިވާ ކަމަށް ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނާ ހަވާލާދީ ތުރުކީގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައެވެ.
އެ ކޮމިޝަނުން ނެރުނު މައިދާނީ ރިޕޯޓުތަކަށް ބިނާކޮށް ބުނެފައިވަނީ، ޒައިތޫނި ކެނޑުމުގެ މޫސުމާ ދިމާކޮށް ފަލަސްތީނުގެ ދަނޑުވެރިންނަށާއި، ދަނޑުބިންތަކަށާއި، ޖަނަވާރުތަކުގެ އިތުރުން އުޅަނދުފަހަރަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ދަނޑުވެރިންނަށް ޖިސްމާނީ ގޮތުން އަނިޔާކުރުމާއި، ޒައިތޫނި ގަސްތައް މުލުން އުފުރުމާއި އަދި ގަސްތަކުގައި ހުޅުޖެހުން ފަދަ ޖަރީމާތައް ހިމެނެއެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި، ހެބްރޮންގެ އިރުމަތީގައިވާ ބިރިންގައި ޒައިތޫނި ބިންނަން ތިބި މީހުންނަށް ޔަހޫދީން ކުއްތާތައް ދޫކޮށްލުމުގެ ސަބަބުން އުމުރުން ދުވަސްވީ ފަލަސްތީނު އަންހެނަކަށް ވަނީ އަނިޔާވެފައެވެ. މީގެއިތުރުން ކަފްރް އަދް-ދީކްގައި ދަނޑުވެރިއަކު ޒަޚަމްވެފައިވާއިރު، ދައިރު ބައްލޫތުގައި ޔަހޫދީން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. އަދި ޔަބްރޫދުގައި ފަލަސްތީނު ފިރިހެނަކަށާއި އޭނާގެ ދަރިފުޅަށް ހަމަލާދީ، އެމީހުންގެ ކާރު ވަގަށް ނަގާފައިވާއިރު، އައިން ގިނިޔާ އިން ކަންބަޅިތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
މީގެއިތުރުން ތެލް އަވަށުގައި ދަނޑުވެރިންނަށް ހަމަލާދީ ކާރެއްގައި ހުޅުޖަހާފައިވާއިރު، ގުސްރާ އަވަށުން 50 އަށް ވުރެ ގިނަ ޒައިތޫނި ގަސް ވަނީ މުލުން އުފުރާލާފައެވެ. އަދި ޖޫރިޝް، ބެއިތާ، ނަގޫރާ، ބިރްޒައިތް، ދައިރު އިބްޒީ އަދި ފަރްއަތާގައި ވެސް ޒައިތޫނި ބިންނަމުން ދިޔަ މީހުންނަށް ވަނީ ހަމަލާދީފައެވެ. ވަފާ ނިއުސް އޭޖެންސީން ރިޕޯޓްކުރި ގޮތުގައި، ނާބުލުސްގެ އުތުރުން ޖޫރިޝް ކައިރީގައި ދަނޑުވެރިންނަށް ހަމަލާދީ ގޮވާންތަކަށް ވަނީ ގެއްލުންދީފައެވެ. އަދި ސަލްފީތާއި އަލް-ލުއްބާން އަޝް-ޝަރްގިއްޔާ ދެމެދުގައިވާ ވާދީ އަލް-ޝާޢިރުގައި ޔަހޫދީން ވަނީ ޒައިތޫނި ގަސްތަކުގައި ރޯކޮށްލާފައެވެ.
ރާމަﷲ ކައިރީގައި، އަބްވައިންގެ އިރުމަތީގައިވާ ވާދީ އަލް-ލުއްބާން އަދި ޣަރަބާ ސަރަހައްދުގައި ޒައިތޫނި ބިންނަން ތިބި މީހުންނަށް އިސްރާއީލު ސިފައިން ކަރުނަގޭސް ޖަހައި، ދަނޑުވެރިން އެމީހުންގެ ބިންތަކަށް ދިޔުން ހުއްޓުވާފައިވާ ކަމަށް ވަފާއިން ބުންޏެވެ. ހަމައެއާއެކު، ސަރްދާ އަދި އަލް-ރައިހާން ކައިރިއަށް ވަދެގަތް އެތައް ދިހަ ޔަހޫދީންނެއް ފަލަސްތީނުގެ އުޅަނދުތަކަށް އޮއްގަލުން ހަމަލާދީ، ވައިގެ ތެރެއަށް ބަޑިޖަހައި ހަނދާނީ ބިނާއަކަށް ވަނީ ގެއްލުންދީފައެވެ. އަދި ހެބްރޮންގެ ދެކުނުގައިވާ މަސާފިރު ޔައްތާގެ ޚިރްބަތު އުއްމު އަލް-ޚައިރު ސަރަހައްދުގައި ފަލަސްތީނު މީހުންގެ ބިންތަކަށް ޔަހޫދީންގެ ޖަނަވާރުތައް ދޫކޮށްލުމުގެ ސަބަބުން، ވިނަ ދަނޑުތަކަށާއި ގޮވާންތަކަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.
ފަލަސްތީނުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޒައިތޫނި ކެނޑުމުގެ މޫސުން ފެށިފައިވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މި މޫސުމުގައި ގާތްގަނޑަކަށް 21،000 ޓަނުގެ ޒައިތޫނި ތެޔޮ އުފެއްދޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް، ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ބުނި ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ހުޅަނގު އައްސޭރީގައި 45،000 އަށް ވުރެ ގިނަ ގަސް ކަނޑައި ނުވަތަ ހަލާކުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 26،000 އަށް ވުރެ ގިނަ ޒައިތޫނި ގަސް ހިމެނެއެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރިން 1،210 މީހުން ވަނީ މަރާލާފައެވެ. އަދި 13،350 މީހުން ޒަޚަމްވެފައިވާއިރު، 26،000 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!