ނަފުސާނީ މައްސަލަތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ހެލްޕްލައިނަށް މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ގުޅައި، އެހީތެރިކަން ހޯދާފައިވާކަމަށް ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަހާއި ގުޅުވައި އެ ވުޒާރާއިން ބުނީ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ބޮޑު ކަންބޮޑުވުމެއް އޮތް ދާއިރާއަކަށް ވުމާއެކު، ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އަހަންމިއްޔަތުކަމެއް ދެމުން އަންނަކަމަށެވެ. އެގޮތުން، 2024 ވަނަ އަހަރު ތަޢާރަފުކުރި "1677" ހެލްޕްލައިނަކީ މި ދާއިރާގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ޙައްލު ހޯދުމަށް ރައްޔިތުންނާއި ސަރުކާރާ ދެމެދު އެޅުނު މުހިންމު ފާލަމެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.

Ad
rt

ނަފްސާނީ މައްސަލަތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރު ޚާއްސަ ހެލްޕްލައިން "1677" ތަޢާރަފް ކުރިފަހުން އެ ހެލްޕްލައިނަށް، މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުން ގުޅާ އެހީތެރިކަން ހޯދާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ، ނަފުސާނީ ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ލޯތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ޤާއިމުކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކަކު އަނެއްކަކަށް އަޅާލުން އިސްކުރާ މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ޤައުމީ ޒިންމާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ނަފުސާނީ ސިއްޙަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީޤީ ބަދަލު" މި ޝިޢާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. ކޮންމެ ފަރުދެއްގެ ކިބައިގައިވެސް މިކަމާ ގުޅޭ ތަޖުރިބާތަކެއް ހުންނާނެކަން ފާހަގަކުރައްވައި، އެކަނިވެރިކަމާއި ހިތްދަތިކަމުގައި މިފަދަ ގޮންޖެހުންތައް ތަޙައްމަލުކުރާ ފަރާތްތަކުގެ އަޑުއަހައިގެން މެނުވީ އެމީހުންނަށް ބޭނުންވާ ޙަޤީޤީ އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.