ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި ޖަހާފައި ހުރި ފޭލިގެއަކަށް ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވެ، އޭނާގެ ފިރިމީހާއާއި ދެ ދަރިން ޒަޚަމްވެއްޖެއެވެ.
މި ހަމަލާ ދީފައިވަނީ 10 އޮކްޓޫބަރު 2025 ގައި އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިއީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމަށް ތިން އަހަރު ފުރުނު ދުވަހުގެ އަނެއް ދުވަހެވެ.
ތުރުކީވިލާތުގެ ބައެއް މީޑިއާތަކުން ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގެ މެޑިކަލް މަސްދަރަކާއި ހަވާލާދީ ބުނި ގޮތުގައި، މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 30 އަހަރުގެ އަހްލާމް މުބާރަކް ނަމަކަށް ކިޔާ އަންހެނެކެވެ. އިސްރާއީލުގެ އާޓިލަރީ ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އާމިރު ޕްރޮޖެކްޓް ސަރަހައްދުގެ އޮލިމްޕިކް ސްޓޭޑިއަމް ކައިރީގައި ހުރި އެ އާއިލާގެ ފޭލިގެއަށެވެ.
އަލްޝިފާ ހޮސްޕިޓަލުގެ ސިއްހީ ޓީމުތަކަށް އަހްލާމްގެ ހަށިގަނޑުގެ އިތުރުން އަނިޔާވި އޭނާގެ ފިރިމީހާއާއި ދެ ދަރިން ގެންގޮސްފައިވާއިރު، ފިރިމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުގެ މެޑިކަލް މަސްދަރުން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާގެ އިތުރުން ވެސް އިސްރާއީލުން ވަނީ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީފައެވެ. އެގޮތުން އިސްރާއީލުގެ ކަނޑުގެ އަސްކަރީ އުޅަނދުފަހަރުން ޣައްޒާ ސިޓީގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް ބަޑިޖަހައި ބޮންއަޅާފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އިރުއުތުރުން އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ހުރި އާންމުންގެ ގެދޮރާއި އިމާރާތްތައް ތަޅާލުމުގެ ދެ އޮޕަރޭޝަނެއް އިސްރާއީލު ސިފައިން ހިންގާފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ބުނެއެވެ. އަދި އެ އިމާރާތްތައް ތަޅާލަމުން ދިޔަ ވަގުތު، އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ވަށައިގެންވާ ގެތަކަށް ވަރުގަދައަށް ބަޑީގެ ހަމަލާތައް ފޮނުވާލާފައިވާ ކަމަށްވެސް އެ މަސްދަރުތަކުން ވަނީ ބުނެފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެގެން ދިން ހަމަލާތަކުގައި ބުދަ ދުވަހާ ހަމައަށް ފަލަސްތީނުގެ 1،467 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިތުރު 5،161 މީހުން ވަނީ ޒަޚަމްވެފައެވެ.
އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ގަތުލުއާންމު ހިންގަން ފެށި ފަހުން މިހާތަނަށް 74،200 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށާއި، 175،200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މީގެއިތުރުން، އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބިމާ ހަމަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!