މާލޭގެ ސޯސަން މަގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަންއެވެ. މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމަން އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ޖަހާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.
މި އެކްސިޑެންޓް ހިނގި މާހުގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަން ވަނީ އެނގިފައެވެ. މީގެ އިތުރުން، މި ހާދިސާ ހިނގުމާ ހަމައަށް މި އަހަރުގެ ތެރޭގައި ވެސް ހަތަރު ފަހަރެއްގެ މަތިން އޭނާ ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސޯސަން މަގުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އައިޝަތު މާހިދާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ކުށުގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރި ނަމަވެސް، މިފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދު ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ވެސް އުފުލިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!