މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ކޮންމެ އަހަރަކު ވެސް ފާހަގަކުރާ މި އެވޯޑުތަކުގެ ތެރޭގައި، ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު މިއަހަރު އަލަށް ވަނީ ހިމަނައިފައެވެ.

Ad
rt

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ޖުމްލަ ހަތަރު އެވޯޑެއް ދިނުމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅައިފައެވެ.

މި އެވޯޑުތަކުގެ ތެރޭގައި ކެޔޮޅުންނަށް ހާއްސަކޮށްގެން ދެ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން މަތީގެ އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑެވެ.

މީގެ އިތުރުން، އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. ހަމައެއާއެކު، މަސްވެރިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވެ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑަކީ ވެސް މިއަހަރު ހުޅުވާލި މުހިންމު އެވޯޑެކެވެ.

މި ހަތަރު އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 29 ވާ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމު އެ ވުޒާރާގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ފުރިހަމަކޮށްފައިވާ ފޯމުތައް ވުޒާރާގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ އެވޯޑުތަކެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.