ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މައްޗަށް 2-0 އިން ކުރިހޯދައި، 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ސައުދީ އަރަބިއްޔާއިން އަރަބިއަން ގަލްފް ކަޕްގެ ތަށި ކާމިޔާބުކޮށްފިއެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މި ފައިނަލް މެޗު ކާމިޔާބުކުރުމާއެކު، މިއީ ސައުދީން މި މުބާރާތުގެ ތަށި އުފުލައިލި ހަތަރުވަނަ ފަހަރެވެ.

Ad
rt

މެޗުގެ ކުރީކޮޅު ނެގި ލީޑު ދަމަހައްޓައިގެން ސައުދީން މި މުބާރާތް ކާމިޔާބުކުރީ ހައްމާމް އަލް-ހައްމާމީ އަދި ފިރާސް އަލް-ބުރައިކާން ޖަހައިދިން ލަނޑުތަކުންނެވެ. ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު ކުޅުނު މި މެޗު ސައުދީން ފެށީ ވަރުގަދަ އެޓޭކިން ކުޅުމަކާ އެކުގައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ އަރިމަތިން އަލް-ހައްމާމީ ފޮނުވާލި ބޯޅައިން ސައުދީން ލީޑު ނެގުމާއެކު، ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާފާޅުކުރުމެއް ފެށިގެން ދިޔައެވެ.

އަމިއްލަ ދަނޑުގައި ސައުދީން ދެއްކި މޮޅު ކުޅުން ކުރިއަށް ގެންގޮސް، ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އެ ޓީމުން ވަނީ ދެވަނަ ލަނޑު ޖަހައިފައެވެ. މިއީ ނާސިރު އަލް-ދައުސަރީ ދިން ފުރިހަމަ ޕާހަކުން އަލް-ބުރައިކާން ގާތުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 16 ވަނަ މިނެޓުގައި ސޯލިހު އަބޫ އަލް-ޝާމަތު ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެ ސައުދީއަށް ތިންވަނަ ލަނޑެއް ޖެހުމުގެ ފުރުސަތު ގެއްލުނުއިރު، މިއީ ޔޫއޭއީގެ ގޯލްކީޕަރު ޚާލިދު އީސާއާ ވަކިން ކުރިމަތިލައި އޭނާ ފޮނުވާލި ބޯޅައެކެވެ.

ޔޫއޭއީން މެޗުގައި އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާ 24 ވަނަ މިނެޓުގައި ނިކޮލަސް ޚިމެނޭޒް ފޮނުވާލި ނަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޔޫއޭއީގެ ބްރޫނޯއަށް ޕެނަލްޓީއެއް ލިބުނު ކަމަށް ހީވި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޫއޭއީގެ ސުލްތާން އަދިލް ގާތުން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ސައުދީގެ ކީޕަރު މުހައްމަދު އަލް-އުވައިސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަލް-އުވައިސް ވަނީ ފައިނަލް މެޗުގައި ވެސް ބައިކޮޅަށް ލަނޑެއް ވަނަނުދީ ރެކޯޑު ދަމަހައްޓައިފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސައުދީ އަރަބިއްޔާގެ ހެޑް ކޯޗު ޖިއޯޖިއޯސް ޑޯނިސް ވަނީ ކުޅުންތެރިން ދެއްކި ޑިސިޕްލިންއަށް ތައުރީފުކޮށްފައެވެ. "ގިނަ ގޮންޖެހުންތަކެއް ހުރި، އެކަމަކު ކުޅުންތެރިން ފޯކަސްއާއި ޑިސިޕްލިން ދައްކައި، ދަނޑުމަތީގައި އެމީހުންގެ އެންމެ ރަނގަޅު ކުޅުން ދެއްކި،" ޑޯނިސް ބުންޏެވެ. "އަހަރެން ދެކޭގޮތުގައި އެ ދަތިތައް އަހަރެމެން މި ބަދަލުކޮށްލީ ތަށްޓަކަށް. އެއީ ވަރަށް މުހިންމު ކަމެއް. މި މުބާރާތުގައި އެންމެ މޮޅު ޓީމަކީ އަހަރެމެން. މި ތަށީގެ ސަބަބުން ކުރިމަގަށް އިތުބާރު ލިބިގެންދާނެ، އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ސިފަތައް ދަމަހައްޓަން ޖެހޭނެ."

ގޯލް ކުރިމަތީގައި ސައުދީން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި ނަމަވެސް، ޓީމުގެ މަސައްކަތާމެދު ހިތްހަމަޖެހޭކަން ފާހަގަކުރަމުން ޑޯނިސް ބުނީ ވޯލްޑް ކަޕަށް ފަހު ހެދުނު ގޯސްތައް ދެނެގަނެވި، ދަތި ދަނޑިވަޅުތަކެއް ތަހައްމަލުކުރަން ޖެހުނު ނަމަވެސް އެ ތަޖުރިބާއިން ދަސްކުރި ކަމަށެވެ. އަދި ޓީމުގެ ފެންވަރު ރަނގަޅުކޮށް، ކުޅުމުގެ ވައްޓަފާޅި ތަރައްގީކުރި ކަމަށާއި، މި ނަތީޖާއަކީ ކުރި ބުރަ މަސައްކަތުގެ ހައްގު މޭވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސައުދީން އެންމެ ފަހުން ގަލްފް ކަޕް ކާމިޔާބުކޮށްފައި ވަނީ 2004 ވަނަ އަހަރުގައެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ކެޓި ސައުދީން މި މުބާރާތުގެ ކާމިޔާބީ ބަލަނީ ކުރިއަށް އޮތް އޭއެފްސީ އޭޝިއަން ކަޕް 2027 އަށް އެޅުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައެވެ. 2027 ވަނަ އަހަރުގެ ޖެނުއަރީ 7 އިން ފެބްރުއަރީ 5 އަށް ބާއްވާ ބައްރުގެ މި ބޮޑު މުބާރާތް ހޯސްޓްކުރާނީ ސައުދީންނެވެ. މީގެ އިތުރުން ގަތަރަށް ފަހު 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ގަލްފުގެ ދެވަނަ ގައުމަށް ވުމަށް ސައުދީން އަންނަނީ ތައްޔާރުވަމުންނެވެ.