ހުޅުމާލޭގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓަށް މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ފްލެޓް ބަލަހައްޓަމުންދާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ މައްސަލަ އޭނާ ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ސޯޝަލް ހައުސިން ޔުނިޓްތަކަށް ގަވާއިދުން ކުލި ނުދައްކާ މައްސަލައަކީ އެކި ހާލަތްތައް ކުރިމަތިވެގެން އަބަދުވެސް ފެންމަތިވާ މައްސަލައެއް ކަމަށެވެ. އެގޮތުން އެކި ސަބަބުތަކާ ހުރެއާއި، މާލީ ހާލަތު ހުންނަ ގޮތުން ކުލި ނުދައްކާ މީހުން އުޅޭއިރު، ކުލި ނުދައްކާ ނިސްބަތް ގާތްގަނޑަކަށް 50 އިންސައްތައަށް އަރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ހައުސިން މަޝްރޫއުތަކުގެ ތަފްސީލް ދެއްވަމުން ޒުހައިރު ވިދާޅުވީ، 172 ޑިވެލޮޕްމަންޓެއްގެ ތެރެއިން ސެމީ ލަގްޒަރީ އަދި ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 12،831 ޔުނިޓް ހުޅުމާލޭގައި ހުރި ކަމަށެވެ. މީގެއިތުރުން، މިހާރުވެސް ސެމީ ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 1،763 ޔުނިޓެއް ތަރައްގީކުރުމުގެ މަސައްކަތާއި، ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި 1،400 ޔުނިޓެއްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ޔުނިޓްތަކުގެ ތެރެއިން ކުއްޔަށް ދީފައި ހުރި ފްލެޓްތައް އަތުލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، ފްލެޓްތައް އުސޫލާ ހިލާފަށް ކުއްޔަށް ދީފައި ހުރިތޯ ބެލުމުގެ މަސައްކަތް އެޗްޑީސީން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ފްލެޓްތަކުގެ ތެރެއިން ބޭރު މީހުންނަށް ކުއްޔަށް ދީފައިވާ ކަމަށް ބެލެވޭ ފްލެޓްތަކުގެ ވެރިންނަށް ވަކި މުއްދަތެއްގެ ތެރޭގައި އެ ތަންތަން ހުސްކުރުމަށް އެންގި ކަމަށާއި، ގިނަ ފަރާތްތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން އަބަދުވެސް ފްލެޓްތައް ކުއްޔަށް ދޭތޯ ބެލުމުގެ ކަންކަން ބަލަމުންދާނެ ކަމަށާއި، އެފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިޔާ ޓަވަރުތަކުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ވަނީ މާފުކޮށްދީފައެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަނެއްހާ ރުފިޔާ އަރާފައިވާއިރު، 2023 ވަނަ އަހަރު ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައްވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު ކޮންމެ މަހަކު އެޗްޑީސީއަށް 4،984 ރުފިޔާ ދައްކަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!