އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން އަޅާކިޔައި ބަޔާންކޮށްދޭ "އޭޕީއޯ ޕްރޮޑަކްޓިވިޓީ ޑޭޓާބުކް" ގެ 19 ވަނަ އަދަދު އޭޝިއަން ޕްރޮޑަކްޓިވިޓީ އޯގަނައިޒޭޝަން (އޭޕީއޯ) އިން ނެރެފިއެވެ.

މި ރިޕޯޓުގައި 1970 އިން ފެށިގެން 2024 ގެ ނިޔަލަށް އެ ސަރަހައްދުގެ އިގުތިސާދާއި އުފެއްދުންތެރިކަމަށް އައިސްފައިވާ ބަދަލުތައް ހިމަނާފައިވާއިރު، 2035 ވަނަ އަހަރާ ހަމައަށް ލަފާކުރެވޭ މިންވަރުތައް ވެސް ވަނީ ހިމަނާފައެވެ.

Ad
rt

މި ރިޕޯޓުގެ 2026 ގެ އަދަދު އެކުލަވާލާފައިވަނީ އޭޝިއާގެ 38 އިގުތިސާދެއްގެ މައްޗަށެވެ. މީގެ ތެރޭގައި އޭޕީއޯގެ މެންބަރު 21 ގައުމުގެ އިތުރުން، މެންބަރު ނޫން 17 ގައުމެއް ހިމެނެއެވެ. އަދި އޭޕީއޯގެ މެންބަރުންނާއި މެންބަރު ނޫން ހަތް ގައުމެއް ކަމަށްވާ ދިވެހިރާއްޖެ، އަފްޣާނިސްތާން، ބޫޓާން، ބްރޫނާއީ، ޗައިނާ، މިޔަންމާ އަދި ސައޫދީ އަރަބިއްޔާ ހިމަނައިގެން އެކުލަވާލި "އޭޝިއާ28" ގެ ފުރިހަމަ އުފެއްދުންތެރިކަމުގެ އެކައުންޓުތައް މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

އޭޕީއޯ އިން ބުނި ގޮތުގައި، މި ފުރިހަމަ އެކައުންޓުތަކުގައި ސައޫދީ އަރަބިއްޔާ ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. މީގެއިތުރުން ކަޒަކިސްތާން، ކިރްގިޒްސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާން ވަނީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ ފުޅާ އިންޑިކޭޓަރުތަކުގައި އަލަށް ހިމަނާފައެވެ.

ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު އޭޝިއާގެ 38 އިގުތިސާދުގެ ޖުމްލަ ޖީޑީޕީ ވަނީ މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާއިރު 40.3 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ އެމެރިކާގެ ޖީޑީޕީއަށް ވުރެ 37 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019 އިން 2024 އަށް އޭޝިއާގެ މި 38 ގައުމުގެ ހަގީގީ ޖީޑީޕީ އަހަރަކު އެވްރެޖްކޮށް 3.8 އިންސައްތަ ކުރިއަރާފައިވާއިރު، މި ކުރިއެރުމުގައި ޗައިނާގެ ހިއްސާއަކީ 1.8 ޕަސެންޓޭޖް ޕޮއިންޓެވެ. އަދި އިންޑިއާގެ ހިއްސާއަކީ 0.8 ޕަސެންޓޭޖް ޕޮއިންޓެވެ.

މަސައްކަތްތެރިންގެ އުފެއްދުންތެރިކަމަށް ބަލާއިރު، ރާއްޖެ ހިމެނޭ އޭޝިއާ 28 ގެ ގައުމުތަކުގެ ގަޑިއިރަކަށް ޖެހޭ އުފެއްދުންތެރިކަން 2019 އިން 2024 އަށް އަހަރަކު އެވްރެޖްކޮށް 3.7 އިންސައްތަ ކުރިއަރާފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޗައިނާއިންނެވެ. އެ ގައުމުގެ އުފެއްދުންތެރިކަން 5.8 އިންސައްތަ ކުރިއަރާފައިވާއިރު، ވިއެޓްނާމުން 4.5 އިންސައްތަ، އިންޑިއާއިން 4.4 އިންސައްތަ އަދި ބަންގްލަދޭޝްއިން ވަނީ 3.9 އިންސައްތައިގެ ކުރިއެރުމެއް ރެކޯޑުކޮށްފައެވެ.

ވަކިން އޭޕީއޯގެ މެންބަރު ގައުމުތަކަށް ބަލާއިރު، ގަޑިއިރަކަށް ޖެހޭ މަސައްކަތްތެރިންގެ އުފެއްދުންތެރިކަމުގެ އަހަރީ އެވްރެޖް ކުރިއެރުން ވަނީ 2015 އިން 2019 އަށް ހުރި 2.9 އިންސައްތައިން 2019 އިން 2024 އަށް 2.5 އިންސައްތައަށް ދަށްވެފައެވެ. އެހެން ނަމަވެސް، މި ދެ މުއްދަތުގައި ވެސް ޓޯޓަލް ފެކްޓާ ޕްރޮޑަކްޓިވިޓީ (ޓީއެފްޕީ) ގެ އެވްރެޖް އަހަރީ ކުރިއެރުން ދެމިއޮތީ 1.0 އިންސައްތައިގައެވެ.

މީގެއިތުރުން، 2000 އިން 2024 ވަނަ އަހަރާ ދެމެދު އޭޝިއާ 28 ގެ އިގުތިސާދީ ދުވެލީގެ މައިގަނޑު ބާރަކީ ރައުސްމާލު ކަމަށާއި، ކުރިއެރުމުގެ 57 އިންސައްތަ ހިއްސާކުރަނީ ރައުސްމާލު ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ ޖުމްލަ ހަކަތަ ބޭނުންކުރި މިންވަރުގެ 50 އިންސައްތަ އަދި ތެލާއި އެހެނިހެން ތަކެތި އެންދުމުން ޖައްވަށް ބޭރުވި ކާބަން ޑައިއޮކްސައިޑްގެ 60 އިންސައްތަ ހިއްސާކޮށްފައިވަނީ އޭޝިއާ 38 ގެ ގައުމުތަކުންނެވެ.

މި ރިޕޯޓު އެކުލަވާލާފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ގައުމުތަކުން ނެރެފައިވާ ރަސްމީ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، މަސައްކަތްތެރިންގެ ފެންވަރާއި ބިމާއި މައުދަން އަދި ހަކަތައިގެ ވަސީލަތްތަކާ ގުޅޭ ޚާއްސަ ޑޭޓާބޭސްތަކުގެ މައުލޫމާތު ހިމަނައިގެންނެވެ.