ހދ. ނޭކުރެންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އާދައިގެ ފަހާފޮށިން މާޖަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އިން އިސްނަގައިގެން ބާއްވާ ކޯހެކެވެ.
އތމ ކޮމިޓީން ބުނެފައިވަނީ މި ކޯހަކީ އައު ހުނަރެއް ދަސްކޮށްގެން އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ވަރަށް މުޙިއްމު ކޯހަކަށް ވާނެކަމަށެވެ.

Ad
rt

މީގެއިތުރުން މާޖެހުމަށް ޚާއްޞަ ވަކި ފޮއްޓެއް ނެތް ނަމަވެސް، ގޭގައި ގެންގުޅޭ އާދައިގެ ފަހާފޮށި ބޭނުންކޮށްގެން ރީތި ފަރުމާތައް ތައްޔާރުކުރާނެ ގޮތް މި ކޯހުގެ ތެރެއިން ދަސްކޮށްދެވޭނެކަމަށް އެ ކޮމިޓީން މަޢުލޫމާތުދެއްވައެވެ.
މި ކޯހުގައި ކިޔަވައިދެވޭނެ ބައިތަކުގެ ތެރޭގައި، ފަހާފޮށި ސެޓަޕް ކުރުމާއި، މާޖަހާ ބުރު ކޮންޓްރޯލްކުރުމުގެ އިތުރުން ސީދާ ސްޓިޗް އަދި ޒިގްޒެގް އެމްބްރޮއިޑަރީ ހިމެނެއެވެ. އަދި އައުޓްލައިން ކުރުމާއި، ފިލިންގ، ޝޭޑިންގ، ކުލަ އެއްކުރުން އަދި އަމިޯއްލަ ފަރުމާތަކަށް އެމްބްރޮއިޑަރީ ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ.

ކޯހުގެ ބައިވެރިންނަށް ބޭނުންވާ ފަށުވި ބަރަނި، މާޖަހާ ބުރު، ފޮތި، ތިނޯސް އަދި މާޖަހާ ދަތްގަނޑު ބައިވެރިންނަށް ފޯރުކޮށްދޭނެކަމަށް އެ ކޮމިޓީންވަނީ ބުނެފައެވެ.

ޖުމްލަ 15 ޖާގައަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ކޯހުގެ ފީއަކީ 2500 ރުފިޔާއެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މި އޮކްޓޯބަރ މަހުގެ 6 އިން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯހުގެ ކިޔެވުން ކުރިއަށްދާނީ އޮކްޓޯބަރ 25 އިން ނޮވެމްބަރު 9 ގެ ނިޔަލަށެވެ.

މި ކޯހުގައި ބައިވެރިވުމަށްޓަކައި ނޭކުރެންދޫ އތމ ކޮމިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވައި، ބައިވެރިވުމަށް އެ ފަރާތުން އެދިފައިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ "ސަރަނގު ޖަރީން"ނެވެ. އާދައިގެ ފަހާފޮށި ބޭނުންކޮށްގެން މާޖެހުމުގެ ފަންނު ދަސްކޮށްދިނުމަށްޓަކައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢަމަލީ އަދި އޮންލައިން ކޯސްތައް ސަރަނގު ޖަރީގެ ފަރާތުން ހިންގަމުން ދާކަން ފާހަގަ ކުރެވެއެވެ.