އާންމު މަސްލަހަތު ގެއްލިދާނެ ފަދަ ކަންތައްތަކެއް ހިނގައިދާނެ ކަމަށް ބުނެ، ފަލަސްތީނާ އެއްކޮޅަށް ބުދަ ދުވަހު ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާއެއް، ފްރާންސްގެ ވެރިރަށް ޕެރިހުގެ ޕޮލިސް ޗީފް ޕެޓްރިސް ފޯރ އަންގާރަ ދުވަހު މަނާކޮށްފިއެވެ.

މި މުޒާހަރާ ބޭއްވުމަށް ނިންމާފައި އޮތީ 7 އޮކްޓޫބަރު 2023 ގައި އިސްރާއީލަށް ދިން ހަމަލާތަކަށް ތިން އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ.

Ad
rt

ޕެރިހުގެ ޕޮލިސް ޗީފް ޕެޓްރިސް ފޯރ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ވިދާޅުވީ، ދާޚިލީ ވަޒީރު ލޯރެންޓް ނޫނޭޒްގެ އެދިވަޑައިގަތުމުގެ މަތިން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަދި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ޕެރިހުގައި ބޭއްވުމަށް ރޭވި މުޒާހަރާ މަނާކުރުމުގެ އަމުރެއް ނެރުއްވާފައިވާ ކަމަށެވެ.

ފޯރ ފާހަގަކުރެއްވި ގޮތުގައި މިފަދަ އެއްވުމެއްގެ ސަބަބުން އާންމު އަމަންއަމާންކަން ގެއްލުމުގެ ބޮޑު ނުރައްކަލެއް އެބައޮތެވެ. އަދި ފްރާންސްގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު މަތިވުމާއި، ޔަހޫދީންނާ ދެކޮޅު އަމަލުތައް ތާރީޚުގައި ވެސް ރެކޯޑު މިންވަރަކަށް އިތުރުވެފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނުރައްކާތަކަށް ރިއާޔަތްކޮށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން އެ މުޒާހަރާ މަނާކުރުމަށް ނިންމެވީ ކަމަށް ފޯރ ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލުއާންމުގައި މިހާތަނަށް 74,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކު ޒަޚަމްވެ، ޣައްޒާގެ އަސާސީ ގިނަ ވަސީލަތްތަކާއި އިމާރާތްތައް ވަނީ ބިމާ ހަމަކޮށްފައެވެ.