ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން މިރޭ ހާމަކުރި ގޮތުގައި، މިއީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހިންގި ހަރަކާތެކެވެ.

Ad
rt

ފުލުހުންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޓާސްކް ފޯސްއާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގެ ތެރެއިން މައްސަލައާ ގުޅުންހުރި ހަތަރު ބިދޭސީއަކާއި ދިވެއްސަކު ހުއްޓުވައި، އެ މީހުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީހުން ބަލައި ފާސްކުރުމުގެ އިތުރުން، މި މައްސަލައާ ގުޅިގެން ފިހާރައަކާއި ބިދޭސީއަކު ދިރިއުޅެމުންދިޔަ ތަނެއް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.