އިސްރާއީލްގެ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކަކާ އެކު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.
ޖޯލީ ލިޔެފައިވާ ގޮތުގައި، މިހާރު ގޫގުލް އާތު ހުޅުވާލުމުން ޣައްޒާއަށް ކޮށްފައިވާ ވަރު ސާފުކޮށް ފެންނަން އެބަހުއްޓެވެ. މުޅި އަވަށްތައް އެއްކޮށް ސުންނާފަތިވެފައިވާއިރު، ގެދޮރާއި، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ހޮސްޕިޓަލްތަކާއި، މަގުތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް އަދި ދިރިހުރުމަށް ބޭނުންވާ އެހެނިހެން އަސާސީ ވަސީލަތްތައް ވަނީ ބިމާ ހަމަވެ ނުވަތަ ހަލާކުވެފައެވެ.
އެންޖެލީނާ ޖޯލީގެ ޕޯސްޓް
އދ. ގެ ސެޓެލައިޓް ސެންޓަރު (ޔޫނޮސެޓް) ގެ ރަސްމީ ދިރާސާތަކާ ހަވާލާދީ ޖޯލީ ފާހަގަކުރި ގޮތުގައި، ގެއްލުން ލިބިފައިވާ އިމާރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އިމާރާތް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. މީގެ އިތުރުން ފިނި މޫސުން ކައިރިވަމުން އަންނައިރު، ޣައްޒާގެ އާބާދީގެ 94 އިންސައްތަ މީހުންނަށް، އެއީ ގާތްގަނޑަކަށް 1.98 މިލިއަން މީހުންނަށް، ބޯހިޔާވަހިކަމުގެ އެހީތެރިކަމާއި އަސާސީ ސާމާނު ބޭނުންވާކަމަށް އޭނާ ބުންޏެވެ.
މި ޕޯސްޓުގައި ޖޯލީ ވަނީ އިންސާނީ އެހީއާއި ބޯހިޔާވަހިކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް އަދިވެސް ގިނަ ހުރަސްތަކާއި ލަސްތައް ކުރިމަތިވަމުންދާކަން ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި، ސެޓެލައިޓް ފޮޓޯތަކުން މާއްދީ ގެއްލުންތައް ފެނުނު ނަމަވެސް، އެ ހާލަތުގައި އާންމުން ދިރިއުޅޭ ގޮތާއި، މަރުވި އާއިލާތަކުގެ ހާލަތާއި، ދިރިތިބި މީހުންގެ ދުވަހީ ދިރިއުޅުން އެ ފޮޓޯތަކަކުން ސިފައެއް ނުކުރެވެއެވެ. އެހެންކަމުން، ފިނި މޫސުން ފެށުމުގެ ކުރިން ބޯހިޔާވަހިކަމާއި، ސިއްހީ ސާމާނާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އާންމުންނަށް އެމީހުންގެ ގެދޮރާއި މުޖުތަމައުތައް އަލުން ބިނާކުރުމުގެ ފުރުސަތު ލިބޭނެ މާހައުލެއް ގާއިމުކުރުމަށް އޭނާ ގޮވާލިއެވެ.
"ސުންނާފަތިކަން ފެންނަން އެބަހުރި. ބޭނުންތައް ވަނީ އެނގިފައި،" ޖޯލީ ލިޔެފައިވެއެވެ.
އޭނާގެ ވާހަކަ ނިންމާލަމުން ސުވާލު އުފެއްދީ އެ ބޭނުންތައް ފުއްދައިދެވޭނެތޯ ނުވަތަ ނޫންތޯއެވެ. ޖޯލީގެ މި ޕޯސްޓުގައި އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޮޗާ) އާއި އިންސާނީ އެހީދޭ ޖަމާއަތެއް ކަމަށްވާ 'އިނާރާ' ޓެގްކޮށްފައިވީ ނަމަވެސް، އިސްރާއީލުގެ ނަން ނުވަތަ ހަނގުރާމައިގެ ވާހަކަ ސީދާ ފާހަގަކޮށްފައެއް ނުވެއެވެ.
އިންސާނީ ޚިދުމަތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ޖޯލީ ވަނީ މިއަހަރުގެ ޖެނުއަރީ މަހު ރަފާހް ބޯޑަރުގެ މިސްރު ފަޅިއަށްވެސް ޒިޔާރަތްކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މަންދޫބަކާއި މިސްރުގެ އުތުރު ސީނާއީ ޕްރޮވިންސްގެ ގަވަރުނަރާއި އިމިގްރޭޝަން މިނިސްޓަރާއެކު ކުރި މި ދަތުރަކީ އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާއި އަލް އަރީޝް ހޮސްޕިޓަލުގެ ހާލަތު ބެލުމަށް ކުރި ދަތުރެކެވެ. މީގެ އިތުރުން، އޮކްޓޯބަރު 7 ގެ ހަމަލާތަކަށްފަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ފާޑުކިޔައި، ނޮވެމްބަރު 2023 ގައިވެސް އޭނާ ވަނީ ޣައްޒާއަކީ ފިލާނެ ތަނެއް ނެތް އާބާދީއަކަށް ބޮންއަޅަމުންދާ ބޮޑު ގަބުރުސްތާނެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!