ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގެ ފައިނަލްގެ ދެވަަނަ ޖާގަ ހއ. އަތޮޅު ޗެމްޕިއަން އިހަވަންދޫއަށް ކަށަވަރުވެއްޖެއެވެ.
މިއަދު ހަވީރު ނައިވާދޫގައި ކުޅުނުމެޗަށް ކަނޑިތީމާއި އިހަވަންދޫ ނުކުތްއިރު ދެ ޓީމަށް ވެސް ފައިނަލްގެ ދޮރު ހުރީ ހުޅުވިފައެވެ. އިހަވަންދޫ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތްއިރު ކަނޑިތީމަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ މެޗަށް ނުކުތްއިރު އިހަވަންދޫ ހަ ޕޮއިންޓް ހޯދާފައިވާއިރު ކަނޑިތީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓްކަމަށްވާތީއެވެ.
މިއަދު ކަނޑިތީމާއި އިހަވަންދޫގެ ފޯރިގަދަ ކުރިމަތިލުން ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.
މިއަދުގެ މެޗުގައި އިހަވަންދޫގެ އަހްމަދު އަލްސައީދު އަލީ ހަމީދު ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. އިހަވަންދޫގެ އަނެއް ލަނޑު ޖަހައިދިނީ އިބްރާހިމް ހާމިދެވެ.
މެޗުގައި ކަނޑިތީމަށް ލަނޑުތައް ޖަހައިދިނީ ރައުލް ނިޔާޒް (2 ލަނޑު)، މުހައްމަދު ޝާން އަދި އިބްރާހިމް ނަދާދެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިހަވަންދޫ އަށް ތިން ލަނޑު ޖަހައިދިން އަހްމަދު އަލްސައީދު އަލީ ހަމީދެވެ.
މި ނަތީޖާއާއި އެކު އިހަވަންދޫ އަށް ފައިނަލް ކަށަވަރުވީ 7 ޕޮއިންޓާއެކުއެވެ. ހަނިމާދޫ މެޗު ބާކީ އޮތް ނައިވާދޫ ވަނީ ތާވަލްގެ އެއްވަނާގައި ފައިނަލްގެ ފުރަތަމަ ޖާގަ ކުރިން ވެސް ކަށަވަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!