ބްރެޒިލްގައި އޮކްޓޫބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެމެރިކާއިން ނުފޫޒު ފޯރުވައި އަތްބާނަން މަސައްކަތްކުރާ ކަމަށް ބުނެ، އެ މައްސަލަ ރަސްމީކޮށް ތަހުގީގުކޮށްދިނުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުންނާއި ކެމްޕޭން އޮފިޝަލުން އެދިވަޑައިގެންފިއެވެ.

މި ތުހުމަތުތަކާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހުށަހަޅާފައެވެ.

Ad
rt

މި މައްސަލައިގައި ބްރެޒިލްގެ އެޓާނީ ޖެނެރަލް ވަނީ އެމެރިކާ ސަރުކާރުގެ އެހީގެ ޕްރޮގްރާމްތަކަކާ ގުޅޭ ތަހުގީގެއް ހިންގައިދިނުމަށް އެދިވަޑައިގެންފައެވެ. މި ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ބްރެޒިލްގެ ސުޕްރީމް ފެޑެރަލް ކޯޓް (އެސްޓީއެފް) އަށް ފާޑުކިޔާ މަދަނީ އަދި ސިޔާސީ ޖަމާއަތްތަކަށް އެމެރިކާއިން ފައިސާ ދީފައިވާ ކަމަށް ބުނާ ރިޕޯޓްތަކަށެވެ. އެގޮތުން، ކެމްޕޭނުގެ ދުވަސްވަރު އާންމުންގެ ވިސްނުމަށް ނުފޫޒު ފޯރުވުމަށާއި އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތައް ބަލިކަށިކޮށްލުމަށް ބޭރުގެ ފައިސާ ބޭނުންކޮށްފައިވޭތޯ މި ތަހުގީގުން ބަލާނެއެވެ.

މީގެ އިތުރުން، މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާގެ ކެމްޕޭނުން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުއްލި ގޮތަކަށް ބްރެޒިލްގައި ހުންނަ އެމްބަސީތައް ބަންދުކޮށް، ކޮންސިއުލާ ޚިދުމަތްތައް މެދުކަނޑާލި މައްސަލަ ބަލައިދިނުމަށް ބްރެޒިލްގެ ސުޕީރިއާ އިލެކްޓޯރަލް ކޯޓް (ޓީއެސްއީ) ގައި އެދިފައެވެ. ވޯޓުލުމާ ކައިރިވެފައިވަނިކޮށް އެމެރިކާއިން އެޅި މި ފިޔަވަޅަކީ ސަލާމަތީ ގޮތުން ނުރައްކަލެއް އޮތް ކަމަށް ދައްކައި، ވޯޓުލާ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ލޫލާގެ ކެމްޕޭނުން ތުހުމަތުކުރެއެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތްކަން ހާމަކޮށް ބްރެޒިލްގެ އިންޓެލިޖެންސް އެޖެންސީ (އޭބީއައިއެން) އިން ވެސް ވަނީ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ބޭރުގެ ސިޔާސީ އަދި ސްޓްރެޓީޖިކް ނުފޫޒުތައް ފޯރުވުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ދެ ގައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން އިތުރުވެފައިވަނީ ވޮޝިންޓަނުން ޓެރިފްތައް ކަނޑައަޅައި، ޑިޕްލޮމެޓިކް ވިސާތައް ބާތިލުކުރުމުގެ އިތުރުން، އިދިކޮޅު ކޮންޒަވޭޓިވް ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯއަށް އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި މަރުހަބާ ކިޔުމާ ގުޅިގެންނެވެ. ހަމައެއާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ބްރެޒިލްގެ އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ.

މި މައްސަލައިގައި ރައީސް ލޫލާ ވަނީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ފާޅުގައި އިންޒާރު ދެއްވާފައެވެ. ލޫލާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ބްރެޒިލްގެ ސިޔާދަތަށް ފުރިހަމައަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ޕްރެޝަރަކާ ނުލައި ގައުމުގެ ވެރިކަން ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ފުރުސަތު ބްރެޒިލްގެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބްރެޒިލްގެ ރައީސް ލޫލާއަކީ ފާޅުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަށްވައި، އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ލީޑަރެކެވެ.