ށ. ނަރުދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި މުހިންމު ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައި ދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ.

Ad
rt

މި ޚިދުމަތް ފެށުމަށްޓަކައި ނަރުދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ނަރުދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ޞިއްޙީ މަރުކަޒުގެ އިސް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަސްމިއްޔާތު ނިމުމަށްފަހު ވަޒީރު ޤީލާ ޢަލީ ވަނީ އަލަށް ޤާއިމުކުރެވުނު މި ލެބޯޓަރީގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ. އަދި އެތަނުގައި ޚިދުމަތް ދިނުމަށް ތިބި މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ނަރުދޫގައި މި ޚިދުމަތް ފެށުމާއެކު، ޢާންމު ޓެސްޓުތައް ހެދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަން ޖެހިފައި އޮތް ބޮޑު ތަކުލީފުތަކަށް ވަނީ ނިމުމެއް އައިސްފައެވެ. މީގެ ސަބަބުން ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލޭގެ އެކި ޓެސްޓުތައް ހެދުމުގެ ފުރުޞަތު މިހާރު ވަނީ އެ ރަށުގެ ރައްޔިތުންނަށް ފަހިވެގެން ގޮސްފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން، ރާއްޖޭގައި ލެބޯޓަރީގެ ޚިދުމަތް ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރު ވެސް ދަނީ ކުރަމުންނެވެ.

މި ސިޔާސަތުގެ ދަށުން ނަރުދޫގައި މި ހުޅުވުނު ލެބޯޓަރީއަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ލެބޯޓަރީ ޤާއިމުކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އަލަށް ޚިދުމަތް ދޭން ފެށި 21 ވަނަ ލެބޯޓަރީއެވެ.