މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު، 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން އަދި ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ތުވަން ރިސްލިން ފަލީލް އެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުން އަތުލައިގެންފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ދެ މީހުން ހައްޔަރުކުރުމުގެ އިތުރުން، އެ މީހުން ތިބި މާލޭގެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ.

އެ ގެ ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ. އެގޮތުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 1،677 ފުޅީގެ އިތުރުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ 23 ފުޅި އެ ގެއިން ވަނީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެއިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓު ވެސް ފުލުހުން ބަލައިފާސްކުރި ގެއިން ވަނީ ފެނިފައެވެ. މި މައްސަލައިގެ ތެރެއިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ގަވާއިދާ ހިލާފަށް ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.