ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ މިޒާޖާއި އަޚްލާޤަށް އަންނަ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ސީ.އޭ.ޕީ.އެސް) ގުޅިގެން ކުރިއަށް ގެންދާ ސެޝަނެކެވެ.
މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 14 އަދި 15 ވާ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.
މިއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މުޖުތަމަޢުގެ އެންމެހައި ފަރާތްތަކަށް ޢަމާޒުކޮށްގެން ހުޅުވާލައިގެން ކުރިއަށްގެންދާ ސެޝަނެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކުދިން ބޮޑުވަމުން އަންނައިރު ދިމާވާ ބަދަލުތައް ދެނެގަނެ، އެކަށީގެންވާ ޢަމަލީ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.
އެގޮތުން މި ސެޝަނުގައި މައިގަނޑު 4 ދާއިރާއަކަށް ބަލައިލާނެއެވެ. އެއީ ކުޑަކުދިންގެ ކިބައިން އާންމުކޮށް ފެންނަ މިޒާޖާއި އަޚްލާޤީ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި، ކުދިންނާ އެކަށީގެންވާ ގޮތުގައި މުޢާމަލާތުކުރުމާއި ދިމާވާ އުނދަގޫ އަދި ގޮންޖެހުން ބޮޑު ޙާލަތްތައް ރަނގަޅަށް މެނޭޖްކުރުމުގެ އިތުރުން ކުދިންނަށް ރައްކާތެރި އަދި އެހީތެރި މާޙައުލެއް ބިނާކުރުމުގެ މައްޗަށެވެ.
ހޭލުންތެރިކުރުވުމުގެ މި ސެޝަނުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 5 އޮކްޓޫބަރު 2026 ގެ ހަވީރު 15:00 އެވެ. ބައިވެރިވުމަށްޓަކައި ފުރިހަމަނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު، 7240968 އަށް މެސެޖު ކުރެއްވުމަށް ސީ.އޭ.ޕީ.އެސް އިން އެދިފައިވެއެވެ.
މި ސެޝަން ބާއްވާ ވަކި ހޯލް ނުވަތަ ތަން ރަޖިސްޓްރީވާ ފަރާތްތަކަށް ފަހުން އަންގާނެ ކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!