ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި މި ހަފުތާގެ ކުރީކޮޅު ހިނގައިދިޔަ އަނިޔާވެރި ހާދިސާއަކީ އެ ފްލައިޓުގެ ކޯ-ޕައިލެޓް ހިންގަން އުޅުނު "ޓެރަރިސްޓް އަމަލެއް" ކަމަށާއި، އޭނާ ކެޕްޓަނަށް ހަމަލާދިނީ ކޮކްޕިޓުގައި އޮތް ފުރޯއަކުން ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު ބުނެފިއެވެ.
ޔޫއޭއީގެ އެޓާނީ ޖެނެރަލް ޙަމަދު ސައިފް އަލް-ޝަމްސީއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ "ވަމް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ހިނގި މި ހާދިސާގައި ކޯ-ޕައިލެޓް ވަނީ ކޮކްޕިޓުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ބަހައްޓާފައި ހުންނަ ފުރޯ ނަގައި، ކެޕްޓަނަށް ހަމަލާދީފައެވެ. އަދި އޭނާ މަސައްކަތް ކޮށްފައިވަނީ ބޯޓުގެ ކޮންޓްރޯލް އަތުލުމަށެވެ.
އަލް-ޝަމްސީ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ހާދިސާ ހިނގަން މެދުވެރިވި ހުރިހާ ހާލަތްތަކާއި، މި އަމަލުގެ ފަހަތުގައިވާ މަގުސަދުތަކުގެ އިތުރުން މިކަމާ ގުޅުންހުރި އެހެނިހެން ކަންކަން ހޯދުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ތަހުގީގީ އިޖުރާއާތްތައް ނިމުމުން، ތަހުގީގުގެ އެންމެ ފަހުގެ ހޯދުންތައް ރަސްމީކޮށް އާންމުކުރާނެ ކަމަށްވެސް އެޓާނީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ 174 ފަސިންޖަރުންނާއެކު ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގައެވެ. މި ހާދިސާއާ ގުޅިގެން ބޯޓަށް ވަނީ ބުދަ ދުވަހު ސައޫދީ އަރަބިއްޔާގެ ތަބޫކުގައި ހުންނަ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖެއްސުމުގެ ހުއްދަ ލިބި، އެ އެއާޕޯޓަށް ޖައްސާފައެވެ.
ފްލައިދުބާއީން މީގެ ކުރިން ބުނެފައިވަނީ، ފްލައިޓް ޑެކް ތެރޭގައި ހަމަނުޖެހުމެއް ހިނގި ކަމަށެވެ. އަދި ބޯޓުގެ މިސްރާބު ބަދަލުކޮށް ސައޫދީ އަރަބިއްޔާއަށް ސަލާމަތްތެރިކަމާއެކު ޖެއްސުމުގެ ކުރިން، ފްލައިޓުގެ ކްރޫން ވަނީ ބޯޓުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށްވެސް އެ އެއާލައިނުން ކުރިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!