ކުރިން 16 ގަޑިއިރަށް ޚިދުމަތް ދެމުން އައި ށ. މަރޮށި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އެ ރަށުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.

މަރޮށީގައި މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

Ad
rt

މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށްޓަކައި އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޤީލާ ޢަލީގެ އިތުރުން، ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، މަރޮށީ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެ ރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ލެބޯޓްރީގެ ޚިދުމަތް ނެތް ގިނަ ރަށްރަށެކޭ އެއްފަދައިން، ކުޑަ ޓެސްޓެއް ހަދަން ޖެހުނު ނަމަވެސް މަރޮށީގެ ރައްޔިތުންނަށް މީގެ ކުރިން މަޖުބޫރުވަނީ އެ ޚިދުމަތް ލިބެން ހުންނަ އެހެން ރަށަކަށް ދަތުރުކުރާށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރާއި އެކިއެކި ގޮތްގޮތުން ބޮޑެތި ތަކުލީފުތަކެއް ވަނީ އުފުލަން ޖެހިފައެވެ.

އެހެންނަމަވެސް، އަލަށް ފެށުނު ޚިދުމަތްތަކާއެކު ރަށުގައި ތިބެގެން ލޭ އެޅުމާއި އަސާސީ އެކި ޓެސްޓުތައް ހެދޭނެ އިންތިޒާމު މިހާރު ވަނީ ފަހިވެފައެވެ. މިއީ ފަރުވާއަށް އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ރައްޔިތުންގެ ޖީބަށް ބޮޑު ލުޔެއް ލިބުމުގެ އިތުރުން ހަށިގަނޑަށް ވެސް އެތައް ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.

ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ގޮވައިގެން، ޓެސްޓުތައް ހެދުމަށްޓަކައި ގަދަ ކަނޑު ހުރަސްކުރަން ނުޖެހި، އަމިއްލަ ފަސްގަނޑުން އެ ފަރުވާ ލިބޭނެ މަގު ތަނަވަސްވުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ތަސައްލީއެކެވެ.

ޞިއްޙީ ދާއިރާގެ ވަފުދުން މި ސަރަޙައްދަށް ކުރެއްވި ދަތުރުފުޅުގައި، މަރޮށީގެ އިތުރުން ށ. އަތޮޅު ޅައިމަގުގައި ވެސް ވަނީ ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.