މި އަހަރުގެ މިހައިތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.
އެ އިދާރާއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026ވަނަ އަހަރުގެ 1 ޖަނަވަރީ އިން ފެށިގެން 30 ސެޕްޓެންބަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 109,262,025.69 (އެއްސަތޭކަ ނުވަ މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް ފަންސަވީސް ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) ވަނީ ބަލައިގަނެފައެވެ. މިއީ ގާތްގަނޑަކަށް 109.26 މިލިއަން ދިވެހި ރުފިޔާއެވެ.
މިއީ 2025ވަނަ އަހަރު އެއްކޮށް ލިބުނު 106,456,071.00 ރުފިޔާއާ އަޅާބަލާއިރު 2,805,954.69 ރުފިޔާގެ އިތުރުވުމެކެވެ. އެހެންކަމުން، މިދިޔަ އަހަރުގެ މުޅި ޖުމުލަ އާމްދަނީއަށް ވުރެ، މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ލިބުނު ޢަދަދު މިހާރު ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.
ޒަކާތު ހައުސްގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރަކީ 2025ވަނަ އަހަރު ބަލައިގަތް ޖުމުލަ ޢަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް އިންސައްތައިން ބަލާނަމަ %2.64 ގެ ކުރިއެރުމެކެވެ.
މީގެއިތުރުން، ބަލައިގަތް ފައިސާގެ ތަފްޞީލަށް ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް ދިވެހި ރުފިޔާއިން ޖުމްލަ 108,739,116.62 ރުފިޔާ ލިބިފައިވެއެވެ. އަދި ބޭރު ފައިސާގެ ގޮތުގައި 34,021.41 ޔޫއެސް ޑޮލަރު ވެސް ވަނީ މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައެވެ.
މިދިޔަ އަހަރުގެ ޖުމުލަ ޢަދަދު ފަހަނައަޅައި ގޮސްފައި މިވަނީ މި އަހަރު ނިމެން އަދި ތިން މަސްދުވަސް ބާކީ އޮއްވައެވެ. އެހެންކަމުން އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ލިބޭ ފައިސާ އިތުރުވުމުން، މިއަހަރު ޒަކާތުގެ ގޮތުގައި ލިބޭ ޖުމުލަ ޢަދަދު އިތުރަށް ބޮޑުތަނުން މައްޗަށް ދާނެ ކަމަށް އެ އިދާރާއިން ޔަޤީންކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!