ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކް އަތުން 4-2 އިން ޕޯޗުގަލް މޮޅުވި މެޗާއެކު، ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތް ޒަމާނެއްގައި އެ ޓީމު ފެނިދާނެ ގޮތުގެ ތަސައްވުރެއް ސަޕޯޓަރުންނަށް ދައްކާލައިފިއެވެ.
ކޯޕަންހޭގަންގައި ކުޅުނު މި މެޗަކީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ބޭންދުމުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި ޕޯޗުގަލަށް ދެ ފަހަރެއްގެ މަތިން ލީޑު ނަގައިދިނީ ޔާއޯ ކަންސެލޯ އަދި ގޮންސާލޯ ރާމޮސްއެވެ. ނަމަވެސް މިކޭލް ޑަމްސްގާޑް އަދި ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރަސްމުސް ހޮއިލުންޑް ޖެހި ގޯލުތަކުން ޑެންމާކުން ވަނީ ދެ ފަހަރުވެސް އެއްވަރުކޮށްފައެވެ. ހޮއިލުންޑް އޭނާގެ ގޯލު ފާހަގަކުރީ ރޮނާލްޑޯގެ އާންމު "ސިއު" ސެލެބްރޭޝަނުންނެވެ. އޭގެ ފަހުން ބްރޫނޯ ފެނާންޑޭސް ނަގައިދިން ބޯޅައަކުން ބޮލުން ގޯލު ޖަހައި ވިޓީނިއާ އަނެއްކާވެސް ޕޯޗުގަލަށް ލީޑު ހޯދައިދިންއިރު، ހަތަރުވަނަ ގޯލު ފަހުވަގުތު ޖަހައިދިނީ ޔާއޯ ފެލިކްސްއެވެ.
މޮޅަށްފަހު ޕޯޗުގަލްގެ އުމުރުން 72 އަހަރުގެ ކޯޗު ޖޯޖް ޖީސަސް ބުނީ ވަކި ހައިސިއްޔަތެއް އޮންނަ ކުޅުންތެރިން ތިބޭނެކަން ސާފު ނަމަވެސް، ގަވާއިދުތައް ހުރިހާ އެންމެންނަށް ވެސް ހަމަހަމަ ވާނެ ކަމަށެވެ.
"އަހަރެން އަދިވެސް ދެކެނީ ހަމަ އެއް ގޮތަކަށް. ވަކި ހައިސިއްޔަތެއް އޮންނަ ކުޅުންތެރިން ތިބޭނެ، އެކަން އޮތީ ސާފުކޮށް ފެންނަން،" ޖީސަސް ބުންޏެވެ. "އެކަމަކު އަހަރެން އަނެއްކާވެސް މި ބުނަނީ، ގަވާއިދުތައް އެންމެންނަށް ވެސް އޮތީ ހަމަހަމަކޮށޭ. އެއީ އަހަރެންގެ ކޯޗިން ކެރިއަރުގައި އަބަދުވެސް އަމަލުކުރި ގޮތް، އަދި ކުރިއަށް އޮތް ތަނުގައިވެސް އަމަލުކުރާނެ ގޮތް." ޖީސަސް ބުންޏެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 234 މެޗުން 146 ގޯލު އަދި ކެރިއަރުގައި ޖުމްލަ 979 ގޯލު ޖަހާފައިވާ އަލް ނަސްރުގެ ފޯވާޑް ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ބޭންދިއިރު، މިއީ 2008 ގެ ފަހުން ގައުމީ ޓީމުގެ މެޗެއްގައި ކުޅެން ނާރުވައި އޭނާ ބެންޗުގައި ބެހެއްޓި ފުރަތަމަ ފަހަރެވެ. ޖީސަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވަނިކޮށް ރޮނާލްޑޯ ކޭމްޕް ދޫކޮށް ދިޔައީ ވަގުތު ޖެހުމުން ސަބަބު ހާމަކުރާނެ ކަމަށް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ރޮނާލްޑޯގެ ކޮއްކޮ އެލްމާ އަވޭރޯ ވަނީ، "ބަދަލުހިފުމަކީ ފިނިކޮށް ހުއްޓާ ކާން އެންމެ މީރު ކާއެއްޗެއް" ކަމަށް ސޯޝަލް މީޑިއާގައި ލިޔެފައެވެ.
ބީބީސީ ރޭޑިއޯ 5 ލައިވްގައި ވާހަކަދައްކަމުން ސްޕެއިންގެ ފުޓްބޯޅަ އެކްސްޕާޓް ގިލެމް ބަލާގޭ ބުނީ، މެޗުގެ ދެވަނަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ވޯމްއަޕް ކުރުވަން ބަހައްޓާފައި ކުޅެން ނޭރުވުމަކީ ޕެލޭ، މަރަޑޯނާ، މެސީ ނުވަތަ ރޮނާލްޑޯ ފަދަ ކުޅުންތެރިންނާ މެދު ކަންކުރަންވާނެ ގޮތެއް ނޫން ކަމަށެވެ. އަނެއްކޮޅުން، ޔޫރޯ ލީގްސް ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ޖޭމްސް ހޯންކާސްލް ބުނީ ރޮނާލްޑޯގެ އަމަލުތަކާމެދު މާޔޫސްވާ ކަމަށާއި، ކެޕްޓަނެއް އަދި ލީޑަރެއްގެ ގޮތުން އަމިއްލަ ނަފްސަށް ވުރެ ޓީމު އިސްކުރަން ޖެހޭނެ ކަމަށެވެ.
ރޮބާޓޯ މާޓިނޭޒް އިސްތިއުފާ ދިނުމުން މި ހޫނުމޫސުމުގައި ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވި ޖީސަސްއަކީ ކުރިން އަލް ހިލާލްގައި ނޭމާއާ ދެކޮޅަށް ވެސް ނުކުމެ، އަދި ބެލެނެންސެސްގެ ކޯޗަކަށް ހުރިއިރު ޕްރެކްޓިހަށް ހުރަސްއެޅުމުން އެމެރިކާގެ ރެޕާ 50 ސެންޓުގެ ސައުންޑްޗެކެއް ވެސް ހުއްޓުވި ފަދަ ހަރުކަށި މިޒާޖެއްގެ ކޯޗެކެވެ. މިއީ ޕޯޗުގަލްގެ ފަހުގެ ފަސް ކޯޗުންގެ ތެރެއިން ރޮނާލްޑޯއާ މައްސަލަ ޖެހުނު ހަތަރުވަނަ ކޯޗެވެ. މީގެ ކުރިން ކާލޯސް ކީރޯޒް، ޕައުލޯ ބެންޓޯ އަދި ފެނާންޑޯ ސަންޓޯސްއާ އެކު ވެސް ރޮނާލްޑޯ ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!