ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު އެކި ތަންތަނުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ މުޖުތަމައުގެ އާންމު ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށާއި، މުޖުތަމައުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

Ad
rt

ފުލުހުން ވިދާޅުވީ، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި ބިދޭސީން ބަލަހައްޓާ ފަރާތްތަކުން އެމީހުންގެ ކިބައިން މިފަދަ ޢަމަލުތައް ނުފެންނާނެހެން ޢަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން އާންމު ތަންތަނާއި މަގުތަކުގައި އުޅޭއިރު ދިވެހި މުޖުތަމަޢުގެ ސަޤާފަތާއި އާދަކާދައަށް އިޙުތިރާމުކޮށް، މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމަށް ބާރުއެޅުމަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި މި މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.