ސަޢޫދީ ޢަރަބިއްޔާގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމާއި ކާރުބާރު ބޮޑުވުން ކުޑަކުރުމުގެ މަޤްޞަދުގައި، މަގުމަތީގައި އުޅަނދުފަހަރު ޕާކުކުރާނެ ގޮތުގެ ފަންނީ މިންގަނޑުތަކެއް 'ސަޢޫދީ ރޯޑް ކޯޑު' ގެ ދަށުން އެ ޤައުމުގެ ރޯޑްސް ޖެނެރަލް އޮތޯރިޓީ (އާރްޖީއޭ) އިން ކަނޑައަޅައިފިއެވެ.
މިއީ ސަޢޫދީގެ މަގުތަކުގެ ފެންވަރު މަތިކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމާއި ހިންގުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.
އާރްޖީއޭ އިން ބުނި ގޮތުގައި، އާ Bަދަލުތަކުގެ ތެރޭގައި ޓްރެފިކް ސިގްނަލް ހުންނަ ކަންމަތިތަކުގައި، ސިގްނަލް ކައިރީގައި މަޑުކުރާ ސަރަޙައްދާއި އެންމެ ކައިރިއަށް ޕާކުކުރެވޭ ޖާގައާ ދެމެދު މަދުވެގެން 15 މީޓަރުގެ ދުރުމިނެއް ބަހައްޓަންޖެހޭނެއެވެ. އަދި ޓްރެފިކް ސިގްނަލް ނުހުންނަ ކަންމަތިތަކުގައި، ކަންމައްޗާއި އެންމެ ކައިރިއަށް ޕާކުކުރާ ޖާގައާ ދެމެދު މަދުވެގެން ހަ މީޓަރުގެ ދުރުމިނެއް ބަހައްޓަންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، މަގު ހުރަސްކުރާ ކްރޮސިންގްތަކާއި ޕާކުކުރާ ފުރަތަމަ ޖާގައާ ދެމެދު ރައްކާތެރި ދުރުމިނެއް ބެހެއްޓުމަށްވެސް މި އުސޫލުގައި ވަނީ އަންގައިފައެވެ. އަދި މަގުގެ އަރިމަތީގައި ދިގަށް ޕާކުކުރާ ސަރަޙައްދުތަކުގައި، ޕާކުކުރާ ޖާގަތަކުގެ ދެމެދުގައި ހުންނަ ހުސްތަންތަން އުޅަނދުފަހަރު ދުއްވާ މާގޭގެ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން، އެ ޖާގަތައް ވަކިކުރާ ޑިވައިޑަރު ބެހެއްޓުން ވަނީ މަޖުބޫރުކޮށްފައެވެ.
ސަޢޫދީ ރޯޑް ކޯޑަކީ އެ ޤައުމުގެ މަގުތަކުގެ ކަންކަން ބަލަހައްޓާ އެންމެހައި އިދާރާތަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ފުރިހަމަ ފަންނީ ރެފަރެންސެއް ކަމަށް އާރްޖީއޭ އިން ބުނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި، ސިޓީތައް ތަރައްޤީކުރާ އޮތޯރިޓީތަކާއި، ސަރަޙައްދީ ސެކްރެޓޭރިއަޓްތަކުގެ އިތުރުން ސިޓީތަކާއި ޕްރޮވިންސްތަކުގެ މުނިސިޕަލްޓީތައް ހިމެނެއެވެ.
މި ކޯޑުގެ ދަށުން، އެކި ބާވަތުގެ މަގުތައް ރޭވުމާއި، ޑިޒައިންކުރުމާއި، އިމާރާތްކުރުމާއި، ހިންގުމާއި އަދި މަރާމާތުކުރުމާ ގުޅޭގޮތުން ބޭނުންވާ މަޢުލޫމާތާއި، އިރުޝާދުތަކާއި، ފަންނީ ޗާޓުތަކާއި، އުސޫލުތަކާއި، އަދި ޗެކްލިސްޓްތައް ފޯރުކޮށްދެއެވެ. އަދި މިއިން ކޮންމެ މަރުޙަލާއެއްގައިވެސް ތިމާވެށްޓާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އާރްޖީއޭ އިން ބުނީ، މަގުތަކުގެ ދާއިރާގެ ސިޔާސަތުތައް އެއްގޮތްކޮށް، ޤަވާޢިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރެވޭނެ އެއްކުރެވިފައިވާ، ސާފު އަދި ޤާނޫނީ އޮގަނައިޒޭޝަނަލް އޮގްރާމެއް ޤާއިމުކުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަގުތަކުގެ ދާއިރާ ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތުގެ ދަށުން، ސަޢޫދީ ރޯޑް ކޯޑު ހިމެނޭހެން ބޭނުންވާ ސިޔާސަތުތަކާއި ޤަވާޢިދުތައް އެކުލަވާލުމުގައި ދެމިއޮންނާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!