ރަސްމާލޭގައި ތަރައްގީކުރާ "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ، ރާއްޖޭގައި މިހާރު ހިންގާ 179 ރިސޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދުން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ކަނޑައެޅިފައިވާ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މިއީ އަހަރަކަށް ބަލާއިރު އެވްރެޖްކޮށް 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ. މި އާމްދަނީގެ ސަބަބުން ދައުލަތުގެ މާލިއްޔަތު ވަރުގަދަވެ، ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ދައުލަތަށް އާމްދަނީ ލިބެނީ އާންމު ރޭޓުތަކުގައި ނެގޭ ޓީޖީއެސްޓީއާއި، މާސްޓަރ ޑިވެލޮޕަރުގެ ފުރަތަމަ ވިއްކުންތަކާއި ލީސްތަކުން ލިބޭ އާމްދަނީގެ 10 އިންސައްތައިގެ އިތުރުން، ޕްރޮޕަޓީތައް ފުރަތަމަ ގަންނަ ފަރާތްތަކާއި ފަހުން ބަދަލުކުރާ ފަރާތްތަކުން ދައްކާ 4 އިންސައްތައިގެ ފީއިންނެވެ. މި މަޝްރޫއުގައި އެއްވެސް ޓެކްސް އިނާޔަތެއް ނުވަތަ ޑިއުޓީ އިސްތިސްނާއެއް ދީފައި ނުވާއިރު، ސަރުކާރުން އެއްވެސް ލޯނެއް ނުނަގާނެއެވެ. އަދި ސޮވަރިން ގްރަންޓީއެއްވެސް ދީފައި ނުވާތީ، ދައުލަތަށް މާލީ އިލްތިޒާމްތަކެއް ނުއުފެދި ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެއެވެ.
ރަސްމާލެ އެއްބަސްވުމުގެ ދަށުން ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ބަހައްޓަންޖެހެނީ ރާއްޖޭގައި ގާއިމުކުރެވޭ އެސްކްރޯ އެކައުންޓެއްގައެވެ. އަދި މަޝްރޫއުގެ ފައިސާ ދައުރުވާނީ ދިވެހިރާއްޖޭގެ ބޭންކުތައް މެދުވެރިކޮށެވެ. ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، މާލެއާ 20 މިނެޓުގެ ދުރުމިނުގައި އޮންނަ ފުށިދިއްގަރު ފަޅުން ހިއްކާފައިވާ 500 ހެކްޓަރުގެ ބިމުގައި ކުރިއަށްދާ ތާރީޚީ މަޝްރޫއެކެވެ.
އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލްގެ ބަދަލުގައި، މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީކުރެވޭ އިންޓެގްރޭޓެޑް މަންޒިލެކެވެ. މީގެ ތެރޭގައި މެގާ ޔޮޓް މެރީނާއަކާއި، ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ލަގްޒަރީ ރެސިޑެންސްތަކުގެ އިތުރުން ވިޔަފާރިއާއި، ސިއްހީ، ތައުލީމީ އަދި ވެލްނެސް ހަބްތައް ހިމެނެއެވެ. މަޝްރޫއު ފުރިހަމައަށް ނިމިގެންދާއިރު، އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ އިގްތިސާދަށް ވަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ރިއަލް އެސްޓޭޓް މިލްކިއްޔާތުތައް 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާއިރު، އީގަލް ހިލްސް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުމަށްވެސް ވަނީ ނިންމައިފައެވެ. ސޮވަރިން ދަރަނި އިތުރުނުވާ މޮޑެލްގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ފައިނޭންސިން ހަމަޖައްސަނީ ޑިވެލޮޕަރުގެ އީކުއިޓީއާއި، ކޯ-އިންވެސްޓްމަންޓް އަދި ޕްރީ-ސޭލްސް ފައިސާއިންނެވެ. މީގެ އިތުރުން، އިތުރު ފަޅުތައް ނުހިއްކައި ކުރިއަށްގެންދާ މި މަޝްރޫއުގައި މުރަކަ އާލާކުރާ ނާސަރީތަކާއި "ކާރު-ފްރީ" ސަރަހައްދުތައް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!