މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކާއި ގަވާއިދުތަކަށް ބޯނުލަބާ ފަރާތްތަކާމެދު ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައިގައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާންމުކުރެއްވި މެސެޖެއްގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި ވިދާޅުވެފައިވަނީ، މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަބާ މަދު ބައެއްގެ ސަބަބުން، ގިނަ ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ނުރައްކާތެރި އެކިއެކި ހާދިސާތައް ތަކުރާރުކޮށް ދޭތެރެ ދޭތެރެއިން ހިނގަމުންދާކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ.
މިފަދައިން މަގުމަތީގެ އުސޫލުތަކާއި ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ހާއްސަ ފިޔަވަޅުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަޅަމުންދާނެ ކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. އެއާއެކު، މިކަން އެންމެހާ ދިވެހި ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ވަނީ ދަންނަވާފައެވެ.
އެޅުމަށް ހަމަޖެހިފައިވާ މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ މަގުތަކަކީ އެންމެހާ ރައްޔިތުންނަށްވެސް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. މީގެއިތުރުން މަދު ބައެއްގެ ސަބަބުން ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށްޓަކައި އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ފިޔަވަޅުތައް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައެއްގައި އަޅަމުން ދިއުމަށް، ފުލުހުންގެ ކަމާބެހޭ އެންމެހާ ބަހާތަކަށް އަންގަވާފައިވާނެ ކަމަށް ސީޕީގެ މެސެޖުގައިވެއެވެ. އަދި މި ފިޔަވަޅުތައް ގްރޭޓަރ މާލެ އޭރިޔާގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އަޅަމުން ގެންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރިއަށްގެންދާ މި މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހި ފުލުހުންނަށް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!