ކޯސްޓްގާޑް ޝިޕް (ސީޖީއެސް) އިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުލިގަމަށް ބަނދަރުކޮށް، އެ ރަށަށް ތާރީޚީ ޕޯޓް ކޯލެއް ކޮށްފިއެވެ.
އުލިގަމަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެންމެ އުތުރުގެ ސްޓޭޝަން އަދި އެ ކޮމާންޑުގެ އެންމެ ދުވަސްވީ އެއް ކޯސްޓްގާޑް ސްޓޭޝަން ގާއިމުވެފައިވާ ރަށެވެ. ސީޖީއެސް އިމާދުއްދީން އެ ރަށަށް ކައިރިކުރުމުން، އުލިގަމު ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުންގެ ފަރާތުން ވަނީ އުޅަނދުގެ ފަޅުވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
އުލިގަމުގެ ޒަމާންވީ ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން، މެހެމާންދާރީއާއި ދީލަތިކަން ހާމަކޮށްދިނުމުގެ ގޮތުން، ތާޒާ ކުރުނބާއެކު ރަށްފުށުގެ ދިރިއުޅުން ރަމްޒުކޮށްދޭ ސަގާފީ ފަރިވަޅެއް ވަނީ އުޅަނދުގެ ފަޅުވެރިންނަށް ވެދުމަށް އަރުވާފައެވެ. މީގެއިތުރުން، ޝިޕް ޢިމާދުއްދީނަށް ޒިޔާރަތްކުރުމަށް ދެއްވި ދަޢުވަތަކަށް އުލިގަމު ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ އެ އުޅަނދަށް ޒިޔާރަތްވެސް ކޮށްފައެވެ.
މި މުނާސަބަތަކީ ކޯސްޓްގާޑާއި، ނޮދަން އޭރިއާ ކޮމާންޑް އަދި ރާއްޖޭގެ އުތުރުގެ މުޖުތަމައުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދިން، އަދި ރަށްތަކުގެ މުއްސަނދި ސަގާފަތް ދަމަހައްޓައި ފާހަގަކުރުމުގެ މުހިންމުކަން ހާމަވި ކަމެއް ކަމަށް ކޯސްޓުކާޑުގެ ވަފުދުގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. ސިފައިންގެ ބޭކަލެއްކަމަށްވާ އިސްމާއީލް ޝަރީފް ވަނީ އުލިގަމުން އަދާކުރި މެހެމާންދާރީއާއި ވެދުމަށް އަރުވި ފަރިވަޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
''މި މުނާސަބަތަކީ ކޯސްޓްގާޑާއި، ނޮދަން އޭރިއާ ކޮމާންޑް އަދި ރާއްޖޭގެ އުތުރުގެ މުޖުތަމައުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދިން، އަދި އަޅުގަނޑުމެންގެ ރަށްތަކުގެ މުއްސަނދި ސަގާފަތް ދަމަހައްޓައި ފާހަގަކުރެވުނު މުހިންމު ކަމެކެވެ.'' އިސްމާއީލް ޝަރީފް ލިޔުއްވާފަވެއެވެ.
އުލިގަމުގެ އިތުރުން، ސީޖީއެސް އިމާދުއްދީން ވަނީ ތާރީޚީ ރަށެއް ކަމަށްވާ ހއ. އުތީމަށްވެސް ދަތުރުކޮށްފައެވެ. މިއީ އެ އުޅަނދުން އެ ރަށަށް ކުރި ތާރީޚީ ޒިޔާރަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، އުތީމު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ސަގާފީ ފަރިވަޅެއް އަރުވައި، ރަސްމީކޮށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!