ދިވެހި ސަރުކާރާއި، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫ ހުއްޓުވަން ފުރުސަތު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރި އުސޫލުތަކުގެ އެއްބަސްވުމެއްގައި 21 ސެޕްޓެމްބަރު 2026 ގައި ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫޢުއާއި ގުޅުވައު އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ޝުޖާއު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބޭނުންވަނީ މި ޤައުމު ނާށިގަނޑު ހިފިގެން ސަލާންޖަހަން އުޅެން ކަމަށާއި، އެއީ އެ ފަރާތްތަކުގެ ވިސްނުން ކަމަށެވެ. އަދި ޤައުމަށް ކުރިއެރުމެއް ލިބޭންއުޅޭ ކޮންމެ ވަގުތަކު އެމްޑީޕީން ސަކަރާތްޖަހަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެއިތުރުން ދިވެހި ރައްޔިތުން މިއަދު ޤައުމާމެދު ވިސްނައި، ފުއްދުންތެރިކަން ހޯދުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
MDP ބޭނުންވަނީ އަބަދާ އަބަދު މިޤައުމު ނާށިގަނޑު ހިފާގެން ސަލާންޖަހަން އުޅެން.އެއީ އެމީހުންގެ ވިސްނުން.ޤައުމަށް ކުރިއެރުމެއް ލިބޭންއުޅޭ ކޮންމެވަގުތަކު މިމީހުން މިސަކަރާތެއް އެބަޖަހާ!
ދިވެހިރައްޔިތުން މިއަދު ވިސްނަންވީ ޤައުމާމެދު.ފުއްދުންތެރިކަން ހޯދަން.އަމިއްލަ ފައިމައްޗަށް…— Ibrahim Shujau (@IbrahimShujaau) September 27, 2026
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މި ޤައުމުގެ ހަރުމުދާ ވިއްކާނެ ވެރިއެއް ނޫން ކަމަށާއި، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގައި އެމަނިކުފާނު ސާބިތުވެ ދެމިހުންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތާއެކު މި ސަރުކާރުން ދިވެހިރާއްޖޭގެ ހަރުމުދާ ނުވިއްކާ، ދިވެހިންނަށް މި ރާއްޖެއިން ހައްޤުވަނީ ކިހާ މިންވަރެއްކަން ބުނެދޭނެ ކަމަށާއި، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނާއެކު ރައްޔިތުންގެ ފަޅީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިޝާރާތް ކުރެއްވި ފާފު އަތޮޅު މަޝްރޫޢަކީ 2017 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސައުދީ ޢަރަބިއްޔާގެ އެހީތެރިކަމާއެކު ފާފު އަތޮޅުގައި ހިންގުމަށް ރޭވި 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގުމަށް އެހާތަނަށް ރޭވުނު އެންމެ ބޮޑު އެއް މަޝްރޫޢެވެ.
އެ މަޝްރޫޢުގެ ތަޞައްވުރުގެ ދަށުން ފާފު އަތޮޅުގައި ފްރެންޗް ރިވިއެރާ ފަދަ ޒަމާނީ "މިކްސްޑް ޑިވެލޮޕްމަންޓް" ސިޓީއެއް ބިނާކުރުމަށް ރޭވިއެވެ. މީގެ ތެރޭގައި މަތީ ފަންތީގެ ރިސޯޓުތަކާއި، ދިރިއުޅޭނެ ލަގްޒަރީ ހައުސިންގް، ބައިނަލްއަޤްވާމީ ކަނޑުގެ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް އަދި އެއާޕޯޓުތައް ހިމެނެއެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި އޮތީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން، ސައުދީ ސަރުކާރު ނުވަތަ އެ ޤައުމުގެ އިންވެސްޓަރުންނަށް ދިގު މުއްދަތަކަށް ރަށްތައް ކުއްޔަށް ނުވަތަ މިލްކުކުރެވޭ ގޮތަށެވެ.
ނަމަވެސް، އެ މަޝްރޫޢާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެއީ ފާފު އަތޮޅު ބޭރު ބަޔަކަށް "ވިއްކާލުން" ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށްފާނެއެވެ. ނަމަވެސް އޭރުގެ ސަރުކާރުން ބުނެފައިވަނީ މިއީ ބިމުގެ މިލްކުވެރިކަން ދިނުމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި އިންވެސްޓްމަންޓެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތަކާއި، އޭރު އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާ ގުޅިގެން ސައުދީން ފަހުން ވަނީ އެ މަޝްރޫޢު ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!