ދިވެހިރާއްޖެއަށް ޚާއްޞަވެގެންވާ ޤުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަޤާފީ ސިފަތަކާއި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމާއެކު، ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްޤީކުރުމުގެ ޒަރީޢާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، "ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

Ad
rt

މި މެސެޖުގައި އެ މަނިކުފާނު ވަނީ ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ފަތުރުވެރި މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމުގައި އަގުނުކުރެވޭފަދަ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ، ދިވެހި ފަތުރުވެރިކަމުގެ ކާމިޔާބީގެ އެންމެހައި ހިއްސާދާރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ޤައުމީ ތަރައްޤީގައި މި ސިނާޢަތުގެ މުހިންމު ޙިއްޞާއަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމަކީ އާންމު ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ރާއްޖޭގެ ރަށްރަށުގައި އެތައް ފުރުޞަތުތަކެއް ފަހިކޮށްދީފައިވާ ސިނާޢަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އައްސޭރިތަކަށް ޒިޔާރަތްކުރި އެތައް މިލިއަން ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިކޮށްދިން މައި ބާރަކީވެސް މި ސިނާޢަތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސުމޭކު ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވާފައިވެއެވެ. އެ މަނިކުފާނު ބަޔާންކުރެއްވި ގޮތުގައި، މިފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުޞަތުތަކެކެވެ.

މި ކަންކަމަށް ރިޢާޔަތްކުރައްވައި، ދިވެހި ތަޖުރިބާގެ އަސްލު ކަމުގައިވާ އަމިއްލަވަންތަކަމާއި މެހެމާންދާރީ ރައްކާތެރިކުރަމުން، ހަލުވިކަމާއެކު ސުމޭކީވަމުން އަންނަ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށްޓަކައި، ސުމޭކީ އީޖާދުތަކަށާއި، ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ވުނަކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ދިވެހިންގެ މެހެމާންދާރީގެ އަސްލު ކަމުގައިވާ އިންސާނީ ގާތްކަމުގެ ޖާގަ ފަންނިއްޔާތަށް ދިނުމުގެ ބަދަލުގައި، ފަންނިއްޔާތު ވާންވާނީ އެ ޚިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށް ކަމަށެވެ.

ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިރާއްޖެއަކީ އެންމެ ކުރީ ސަފުގެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި، މެދުކެނޑުމެއްނެތި އީޖާދީ ވިސްނުންތައް ގެންގުޅުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އަދި އިންސާނީ ވަސީލަތްތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި މެސެޖުގައިވެސް، ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަޤްބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާޢަތެއް ބިނާކުރުމަށްޓަކައި ސުމޭކީ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ވަނީ ތަކުރާރުކުރައްވާފައެވެ.