ށ. މާއުނގޫދޫގައި ކުރިއަށް ގެންދިޔަ "ވިމެން އެންރިޗްމަންޓް ޕްރޮގްރާމް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީއެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ރަށުގެ ކަނބަލުންގެ އިޖްތިމާޢީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ކަނބަލުން އިޖްތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިޔާސީގޮތުން ބާރުވެރިކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 15 ކަނބަލުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ކަނބަލުން ބާރުވެރި ކުރުވުމުގެ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާއެއް ކަމަށްވާ "ވިމެން އެންޑް ޑިމޮކްރަސީ"ގެ ދެ ފެސިލިޓޭޓަރުން ކަމުގައިވާ، ޝަފާތު އަޙްމަދު ޒާހިރާއި އަސީލާއެވެ.
މި ސެޝަން ނަންގަވައިދެއްވި، ފެސިލިޓޭޓަރުން ވިދާޅުވީ، މާއުނގޫދޫގެ ކަނބަލުންނަކީ، ވަރަށް ހުނަރުވެރި، ޤާބިލް އަދި ކެރޭ ކަނބަލުންތަކެއްކަމަށާއި، މި ސެޝަނުން ދަސްވި އަގުހުރި ހުނަރުތަކާއި މަޢުލޫމާތުގެ ބޭނުން، ދުވަހުގެ ދިރިއުޅުމުގައްޔާއި މަސައްކަތުގެ މާޙައުލުގައި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެ ބޭފުޅުން އެދިލައްވާފައިވެއެވެ.
މީގެއިތުރުން، ލީޑަރޝިޕްގެ ހުނަރުތަކާއި، ސޯޝަލް ސްކިލްސް އަދި ޕޮލިޓިކަލް ދާއިރާއަކީ ކޮބައިކަން ޖީލުތަކަށް އަންގައިދީ، އަޙުލުވެރިކުރުވުމަކީ އެންމެންގެ ވެސް ޒިންމާއެއްކަން އެ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!