މާލޭ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 1.5 ލައްކަ (150،000) ރުފިޔާ ވަގަށް ނެގި މީހާ ފުލުހުންގެ ތަހުގީގަށް އިއުތިރާފުވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ވަނީ ބަލައި ދިރާސާކޮށްފައެވެ. ސީސީޓީވީ ފުޓޭޖްތަކުގެ އެހީގައި ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުމުން ސައިކަލު މަޑިދަށުން ފައިސާ ނެގިކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ވަގަށް ނެގި ފައިސާގެ ތެރެއިން، ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އޭގެ އިތުރުން 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ.
މި މައްސަލައިގައި ހިމެނޭ ބާކީ 55،000 ރުފިޔާ ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާ ބޭނުންކުރި އެ ފައިސާ ހޯދުމުގެ މަސައްކަތް، މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވެ، ބައެއް ފައިސާ ހަވާލުކޮށްފައިވީ ނަމަވެސް، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!