ޔޫއޭއީއެފްއޭ ނޭޝަންސް ލީގުގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި 3-2 އިން އިނގިރޭސިން ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ނަތީޖާ ނެރެފިއެވެ.
ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ސްޕެއިން ޓީމުން ހޯދި މި މޮޅާއެކު، ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށް، ޔޫރަޕުގެ ޓީމަކުން ގާއިމުކުރި އެންމެ ދިގު ނޮޓްބީޓެން ރެކޯޑު އެޓީމުން ވަނީ އިތުރަށް ފުޅާކޮށްފައެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގައިފައެވެ. މި ގޯލަކީ އިނގިރޭސި ދިފާއީ ކުޅުންތެރިޔާ މާކް ގުއެހީ، ގޯލްކީޕަރު ޖޭމްސް ޓްރެފޯޑަށް ބޯޅަ ދޭން އުޅުމުގެ ތެރޭގައި ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން ލާމީން ޔަމާލް ކާމިޔާބުކުރި ގޯލެކެވެ. ޔަމާލް ވަނީ ބޯޅަ ހޯދައި، ވާތު ފައިން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖައްސާފައި އެތެރެއަށް އޮއްސާލައިފައެވެ. މީގެ އިތުރުން ފެރާން တޮރޭސް ޖެހި ގޯލެއް އޮފްސައިޑްވިއިރު، އޭނާ ފޮނުވާލި އެހެން ހަމަލާއެއް، ގޯލްކީޕަރު ޖޯޑަން ޕިކްފޯޑްގެ ބަދަލުގައި ކުޅެން ނުކުތް ޓްރެފޯޑް ވަނީ ދިފާއުކޮށްފައެވެ. އަދި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދާނީ އޯލްމޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ސްޕެއިންގެ ފުރަތަމަ ހަމަލާތަކަށްފަހު، އިނގިރޭސި ޓީމުން މެޗުގެ ތެރެއަށް އެނބުރި އައިސް މެޗުގެ 36 ވަނަ މިނެޓުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު ޖޫޑް ބެލިންގްހޭމް ދިން ބޯޅައަކުން ކާމިޔާބުކުރީ ބާސެލޯނާގެ ވިންގަރު އެންތަނީ ގޯޑަންއެވެ. އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ 40 ވަނަ މިނެޓުގައި ނިކޯ އޮރިލީ ނަގައިދިން ހުރަހަކުން މާކް ކުކުރެއްޔާގެ ގައިގައި ޖެހިފައި ބޯޅަ ގޯލަށް ވަނީ ހެރީ ކޭން ބޮލުން ޖެހި ހަމަލާއަކުންނެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި އިނގިރޭސިންނަށް ލީޑު ފުޅާކުރުމަށް ރަން ފުރުސަތެއް ލިބުނެވެ. ރޮޑްރީ، ބެލިންގްހޭމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީ، އިނގިރޭސި ކެޕްޓަން ހެރީ ކޭން ޖަހަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ކުޑަކޮށް ކައްސާލައިގެން ގޮސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ކޭންއަށް ލިބުނު ފުރުސަތު ގެއްލުމުގެ ފައިދާ ނަގައި، ސްޕެއިނުން ވަނީ އަލުން މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި އޮރިލީއަށް ހެދުނު ގޯހެއްގެ ފައިދާ އޯލްމޯ ނަގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އަލެކްސް ބައޭނާއަށް ދިން ބޯޅައިން އޭނާ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ބައޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ކީޕަރު ޓްރެފޯޑް ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިގެން ސްޕެއިން މޮޅުކޮށްދިން ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ މިކޭލް އޮޔާޒަބާލްއެވެ.
ޔޫރޯ 2024 ގެ ފައިނަލްގައިވެސް އިނގިރޭސިން ބަލިކުރި ސްޕެއިން އަތުން އިނގިރޭސިން އަލުން ބަލިވިއިރު، އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް މެޗުގެ ކުރިން ބުނެފައިވަނީ މިއީ އާ ފެށުމެއް ނޫން ކަމަށެވެ. ނަމަވެސް، މެޗުގެ ފެށުން ދިޔަ ގޮތުންނާއި ދިފާއީ ގޯސްތަކުގެ ސަބަބުން އިނގިރޭސި ޓީމަށް ވަނީ ނުރުހުންތެރިކަމާ ކުރިމަތިލާންޖެހިފައެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އަރުޖެންޓީނާ އަތުން ބަލިވި މެޗުގައި އިނގިރޭސިން ބޭނުންކުރި އުކުޅުތަކަށް ފާޑުކިއުން އަމާޒުވި ނަމަވެސް، މި މެޗުގައި އިނގިރޭސިން ވަނީ ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!