ގަން އިންޓަނޭޝަނަލް އެއާޕޯޓް މަގުން ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކާއި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިރު، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިވެކް އަމްބަން (24އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޝަހްމިލް ޕަލި ޕަރަމްބަތް (32އ) އަދި ޏ. ފުވައްމުލައް، ހޯދަޑު، ކުމެރީގެ، ޢަބްދުﷲ އިބްރާހީމް (36އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ އިބްރާހީމް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.