ހދ. ކުޅުދުއްފުށީ ސިޓީގެ ޕަބްލިކް ލައިބްރަރީން ކުރިއަށް ގެންދިޔަ "ކުޅުދުއްފުށީ ލިޓަރަރީ ސެލޫން" ގެ 25 ވަނަ އެޕިސޯޑުގައި މަޝްހޫރު ޤާނޫނީ ވަކީލު އަދި އެތުލީޓު ހުސައިން ޝަމީމް ބައިވެރިވެވަޑައިގެން، އެ އެޕިސޯޑަށް ޚާއްސަ ފޮތުގެ ރިވިއު ހުށަހަޅުއްވައިދެއްވައިފިއެވެ.

ހުސައިން ޝަމީމް ބައިވެރިވެވަޑައިގެންނެވި މި ސެޝަންގައި އަލިއަޅުވާލާފައި ވަނީ އެޑަމް ވޯކާ ލިޔުއްވާފައިވާ މަޝްހޫރު ފޮތް "މޭން ވާސަސް އޯޝަން" ގެ މައްޗަށެވެ.

Ad
rt

މި ޚާއްސަ އިވެންޓް ބާއްވާފައި ވަނީ 24 ސެޕްޓެމްބަރު 2026 ވާ ދުވަހުގެ ރޭގަނޑު 20:30 އިން 21:30 އަށް، ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީގައެވެ.

މިފޮތުގެ ރިވިއުގައި ޝަމީމް މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ ކެތްތެރިކަމާއި، ސާބިތުކަމާއި، އަމިއްލަ ނަފްސަށް ގެންނަ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. މީގެއިތުރުން ދިރިއުޅުމުގައި ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މުހިންމު އަޒުމުގެ މައްޗަށްވެސް މި ސެޝަންގައި އަލިއަޅުވާލައްވާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

"މޭން ވާސަސް އޯޝަން" އަކީ ޓޯސްޓަރު ވިއްކާ މީހެއްގެ ވަޒީފާ ދޫކޮށްލުމަށްފަހު، ދުނިޔޭގެ އެންމެ އުނދަގޫ ކަނޑުއޮޅިތައް ފަތާފައި ހުރަސްކޮށް، ދުނިޔޭގެ މަޝްހޫރު "އޯޝަންސް ސެވަން" ކާމިޔާބުކުރި އެޑަމް ވޯކާގެ އިބުރަތްތެރި އަދި ހިތްވަރުގަދަ ދިރިއުޅުމުގެ ވާހަކަ ބަޔާންކޮށްދޭ ފޮތެކެވެ.

މި ފޮތުގެ ރިވިއު ހުށަހަޅުއްވައިދެއްވި ހުސައިން ޝަމީމަކީ ޤާނޫނީ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. އަދި އޭނާއަކީ ސްވިމް މޯލްޑިވްސްގެ ރައީސްގެ އިތުރުން މެރެތަން ދުވުންތެރިއެއް، ޓްރައިއެތުލީޓެއް، އައިރަންމޭން 70.3 އެތުލީޓެއް އަދި އޯޝަންމޭން ފެތުންތެރިއެކެވެ.

މީގެއިތުރުން ހުސައިން ޝަމީމަކީ އައިރަންމޭން 70.3 އަދި އޯޝަންމޭން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވި ހަމައެކަނި ދިވެހި އެތުލީޓު ވެސް މެއެވެ.

ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީގައި ކުރިއަށްދިޔަ މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ޖުމްލަ 30 ބައިވެރިންނަށެވެ.