އެމެރިކާއިން އިރާނަށް އަލުން ހަމަލާއެއް ދީފިނަމަ، އެމެރިކާއާއެކު ކުރެވޭ ހަނގުރާމަ އިންޑިއާ ކަނޑާ ހަމައަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިރާނުގެ އަސްކަރީ އިސް މުޝީރަކު އިންޒާރު ކުރައްވައިފިއެވެ.
އިރާނުގެ ރޫހީ ރަހްބަރުގެ އަސްކަރީ ކަންކަމާ ބެހޭ އިސް މުޝީރު، މޭޖަރ ޖެނެރަލް ޔަޙްޔާ ރަޙީމް ޞަފަވީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުއެވެ.
ޞަފަވީ ވިދާޅުވި ގޮތުގައި، އިރާނަށް ކުރިމަތިވެދާނެ ތަފާތު އެކި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އިރާނުގެ އަސްކަރިއްޔާއިން ވަނީ ޚާއްޞަ ރޭވުންތަކެއް އެކުލަވާލާފައެވެ. އެގޮތުން، ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތްތަކަށްވެސް އިރާނުގެ ސިފައިން ތައްޔާރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އިސްރާއީލުގެ ވެރިންގެ ނިންމެވުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޞަފަވީ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިކުނޑީގައި ހިނގަމުންދާ ކަންކަން އެއްވެސް މީހަކަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިރާނުގެ މުހިންމު ވަސީލަތްތަކަށް ނުވަތަ ޤައުމީ މަޞްލަޙަތުތަކަށް އެމެރިކާ ނުވަތަ އިސްރާއީލުން އިތުރު ހަމަލާތަކެއް ދީފިނަމަ، ހަނގުރާމައިގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
"މިހާރު ހަނގުރާމަ ވަނީ ގަލްފާއި ހޯރްމޫޒް ކަނޑުއޮޅިން ފެށިގެން ރަތްކަނޑާ ހަމައަށް ފެތުރިފައި. އެހެންކަމުން އެމެރިކާއާއެކު ފެށިދާނެ ހަނގުރާމައެއްގެ ކުރިއަށް އޮތް މަރުޙަލާގައި، މި ކުރިމަތިލުންތައް އިންޑިއާ ކަނޑަށް ނުވަތަ އެހެން ސަރަޙައްދުތަކަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ޞަފަވީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!