މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސަރޗް ފަންޑުގެ 2026 ވަނަ އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޖުމްލަ 5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ގްރާންޓުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ގްރާންޓްތަކުގެ މައިގަނޑު މަޤްސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށްޓަކައި އީޖާދީ، މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުން ވެސް މި ކަމުގެ ތެރޭގައި ހިމެނެއެވެ.
މި ފަންޑަށް އަމިއްލަ ފަރުދުންގެ އިތުރުން ތަޢުލީމީ އިދާރާތަކަށާއި ތިންކު ޓޭންކުތަކަށް ވެސް ކުރިމަތިލެވޭނެއެވެ. އެމްއެމްއޭއިން ހާމަކުރާ ގޮތުގައި، ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހެއެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ވަނީ ހިތްވަރުދީފައެވެ.
ރިސަރޗް ގްރާންޓް ދިނުމުގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ނަމަވެސް އެހެން ދާއިރާތަކުން ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، އެމްއެމްއޭއިން ފާހަގަކޮށްފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އިންފްލޭޝަން ޑައިނަމިކްސް، މާލީ ދާއިރާގެ ވިލުންވެރިކަމާއި ގާނޫނުތަކާއި އީޖާދުތައް، އަދި ޑިޖިޓަލައިޒޭޝަނާއި ފިންޓެކް އަދި މާލީ ބައިވެރިވުން ހިމެނެއެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު، އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ، ވަޒީފާގެ ބާޒާރާއި ތަޢުލީމީ ދާއިރާ، ބޯހިޔާވަހިކަމާއި އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސްގެ އިތުރުން ސިއްޙީ ދާއިރާއާއި ދައުލަތުގެ ޚަރަދު އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާ ވެސް ހިމެނޭ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
އެމްއެމްއޭގެ ރިސަރޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި އެ އޮތޯރިޓީގެ ރިސަރޗް ކޮންފަރެންސްގައި އިފްތިތާޙް ކުރި ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު 2025 ވަނަ އަހަރު ހުޅުވާލި އިރު، އެ އަހަރު 6 ރިސަރޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް ވަނީ އެވޯޑު ކޮށްފައެވެ.
މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު 13 އޮކްޓޫބަރު 2026 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ. މައުލޫމާތާއި އެޕްލިކޭޝަން ހުށަހެޅުމުގެ ތަފްސީލު އެމްއެމްއޭގެ ވެބްސައިޓުން (https://www.mma.gov.mv/#/research/researchfund) ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!