އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫޢާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާ ހުރެ ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ދިވެހިންގެ މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކަކީ ޓެކްނޮލޮޖީގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން އައި ބަދަލުތަކުގެ އިތުރުން އިޖްތިމާޢީ ގޮތުން ކުރިމަތިވި ބައެއް ކަންކަމާއި، ސިޔާސީ ގޮތުން އުފެދިގެން އައި އޮއިވަރުތަކާއެކު އައިސްފައިވާ ބަދަލުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖްތިމާޢީ ފޭރާން ގެއްލި ޒުވާނުންނާއި މުޖުތަމަޢުގައި ބައިބައިވުން އުފެދިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ނެތިގެންދިއުމަކީ ކަންބޮޑުވުމެއް ކަމަށާއި، މުޖުތަމަޢުގެ ތެރޭގައި މިފަދަ އޮއިވަރެއް އޮތް ނަމަވެސް ދިވެހިންނަކީ ޒަމާނުއްސުރެ އިޙްތިރާމް އަދާކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލުމުގެ ރިވެތި ސިފަތައް ގެންގުޅުނު ބައެއްކަން ހަނދާންކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމެއްގެ މަތިން، ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން އިއާދަކޮށް ދިރުވައިއާލާކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢެއްކަން ވަޒީރު ބަޔާންކުރެއްވިއެވެ. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ކާބަފައިންގެ ޒަމާނުގައި ދިވެހީންގެ މުޖުތަމަޢުތެރޭ ހުރި ރީތި އާދަކާދަތަކާއި އެސިފަތަކަށް މީހުން ހޭލުންތެރިކުރުވާ، އެ ސިފަތައް އަލުން އަނބުރާ އިއާދަކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢު އެކުލަވާލުމަށްޓަކައި ކަމާބެހޭ ގިނަ ފަރާތްތަކާ ބައްދަލުކޮށް ޚިޔާލު ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. އަދި ކުރެވުނު މަޝްވަރާތަކުގައި މިއަދު މުޖުތަމަޢު އޮތް ހާލަތާއި އާދަކާދައަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، މިއީ މިހާރު މިކަން ކުރުމުގެ މުހިންމުކަން ބޮޑު މަސައްކަތެއްކަން ފާހަގަވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިބަހާއި، ތާރީޚާއި، ސަގާފަތާއި އާދަކާދަ ބިނާވެފައިވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށާއި، އިސްލާމީ އަސާސްތަކުގެ ތެރޭގައި ބިނާކުރާ މުޖުތަމަޢެއްގައި އެންމެ މުހިންމު އެއްކަމަކީ އިޙްތިރާމްކުރުމުގެ ރިވެތި ސިފަ ކަމަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.