ހދ. ނޮޅިވަރަމް ވަށައިގެންވާ ފަރުގެ ސަރަޙައްދުގައި ކަނޑުގެ ދިރާސާއެއް ކުރާތީ، އެ ސަރަޙައްދުގައި ދަތުރުކުރާ، އުޅަނދުފަހަރު ސަމާލުވުމަށް އެ ކައުންސިލުން އެދެފިއެވެ.

މިއީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ނޮޅިވަރަމް ވަށައިގެންވާ ފަރުތައް ހިމެނޭހެން، ހދ. އަތޮޅުގައި ކަނޑުގެ ދިރާސާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ އެ ކައުންސިލުން ކޮއްފައިވާ އިލްތިމާސެކެވެ. އަދި މި ސާރވޭ ކުރާއިރު، ފައްތާފައިވާ ކެމެރާ ލޮކޭޓް ކުރުމަށް ބޮއި ހަރުކުރެވިފައިވާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

Ad
rt

މި ސާރވޭ ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރ 21 އިން އޮކްޓޫބަރ 1ގެ ނިޔަލަށެވެ.

ނޮޅިވަރަމް ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ދިރާސާތަކުގައި ފަރުތަކުގެ ހާލަތު ދެނެގަތުމަށް ފީނައިގެން ކުރާ ސާރވޭތަކާއި ކަނޑުއަޑިއަށް ކެމެރާ ފައްތައިގެން ކުރާ ސާރވޭތައް ހިމެނެއެވެ.

އެ ގޮތުން، ކެމެރާ ފައްތައިގެން ކުރާ ސާރވޭތައް ކުރުމަށް ހަމަޖެހިފައިވާ ލޮކޭޝަން ތަކުގެ ތެރޭގައި އެ ރަށުގެ ވަށައިގެންވާ ފަރުތައް ހިމެނޭތީވެ، އެ ރަށުގެ ވަށައިގެން ވަކި ހިސާބުތަކެއްގައި، ކެމެރާ ފައްތާފައި، ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ނެގުމުގެ މަސައްކަތް ކުރެވޭނެކަމަށް އެ އިދާރާއިން ބުންޏެވެ.