އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދަނީ ޤަތުލުޢާއްމެއް ކަމަށާއި، އޭގެ ސަބަބުން ލިބޭ އަނިޔާއާއި ނަފްސާނީ އަސަރުތައް ފަލަސްތީނުގެ އަންނަން އޮތް ޖީލުތަކުން އުފުލަންޖެހޭނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ލޫލާ ވަނީ، ބައިނަލްއަގުވާމީ ބޮޑެތި ކުރިމަތިލުންތައް ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލް ނުކުޅެދިފައިވުމުގެ ސަބަބުން އެ ޖަމްއިއްޔާގެ އިތުބާރު ތާރީޚީ މިންވަރަކަށް ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.

Ad
rt

ޣައްޒާގެ ހަނގުރާމައާ ގުޅިގެން ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ އަޑުގަދަކޮށް އިސްރާއީލަށް ފާޑުކިޔަމުންދާ ބްރެޒިލްގެ ރައީސްގެ މި ތަގުރީރާއެކު، އެ ގައުމާއި އިސްރާއީލާ ދެމެދު ވަނީ ޚާރިޖީ ބޮޑެތި ނުތަނަވަސްކަންތަކެއް އުފެދިފައެވެ. ލޫލާގެ ތަގުރީރުގައި އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތަކަކީ ޤަތުލުޢާއްމެއްގެ ގޮތުގައި ސިފަކުރެއްވުން ތަކުރާރު ކުރައްވަމުން، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތަކާއި ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ނަފްސާނީ އަސަރުތަކަށް އަލިއަޅުވާލެއްވިއެވެ.

އދ. ގެ ހިންގުމަށް ފާޑުވިދާޅުވަމުން ބްރެޒިލްގެ ރައީސް ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ހަނގުރާމަތައް ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލް ނުކުޅެދިފައިވާ ކަމަށެވެ. އަދި އެ ކައުންސިލަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން އދ. އާމެދު އޮތް އިތުބާރު ކުރީގެ އެއްވެސް ޒަމާނެއްގައި ކުޑަނުވާ މިންވަރަށް ގޯސްވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ކުރިމަތިކުރުވަމުންދާ ޚާރިޖީ ފިއްތުންތަކަށް ލޫލާ ފާޑުވިދާޅުވިއެވެ. އަދި އދ. އިން ފަލަސްތީނުގެ ހައްގުތަކާ ބެހޭގޮތުން ކަނޑައަޅާފައިވާ ޚާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބާނީޒްގެ ދިފާއުގައި ވާހަކަދައްކަވަމުން ލޫލާ ވިދާޅުވީ، ބައިނަލްއަގުވާމީ އަދުލުގެ ނިޒާމުތަކުގެ ބާރުކަނޑުވާލަން މަސައްކަތް ކުރުމަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ދިނުން ކަމަށެވެ.

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތް ގާއިމުކުރުން ކަމަށް ބްރެޒިލްއިން ކުރާ ތާއީދު ތަކުރާރު ކުރައްވަމުން، ހުޅަނގު ކަރައިގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ވަޒަންވެރިވަމުންދާ ދިއުން ލޫލާ ކުށްވެރިކުރެއްވިއެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން މިނިވަން ދިރިއުޅެވޭފަދަ ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު އިތުރަށް ހަނގުރާވަމުންދާ ކަމަށްވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.