ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ބެހިފައިވަނީ ދެ ގިންތިއަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އޮފީސްތަކުގެ ބައިގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ އޮފީސްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ދިވެހިބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ.

Ad
rt

ދިވެހި ބަހަށާއި، ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރު ކުރުމަށާއި ރީތިކޮށް ތާނަ ލިޔާ ފަރާތްތަކުގެ އަގުވަޒަންކޮށް، ހިތްވަރުދީ، ތާނަ އަކުރު ލިޔުމުގައި އުފެއްދުންތެރި، އީޖާދީ ގޮތްތައް ނެރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތް ބަހާލައިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ ރީތި ލިޔުމުގެ ބަޔާއި، އަވަސް ލިޔުމުގެ ބައިގެ އިތުރުން އަތްތެރި ލިޔުމުގެ ބައެވެ.

މި މުބާރާތުގެ ކޮންމެ ބަޔަކުން ވެސް، އެންމެ ރީތި 10 ލިޔުމާއި ކޮންމެ ބަޔަކުން ވެސް 1ވަނަ 2ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އެ އެކަޑަމީން ބުނެފައިވާ ގޮތުގައި، މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހައިލެވިފައިވާ މައިގަނޑު 3 ބައިގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން 5 މުވައްޒަފުންނެވެ. އަދި އަމިއްލަ ފަރާތްތަކުން ބައިވެރިވެވޭނީ 2025 ޑިސެންބަރު 31އަށް 18 އަހަރު ފުރިފައިވާ މީހުންނަށްކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުުމުގެ އެންމެ ފަހު ތާރީޚަކީ، 2026 އޮކުޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، އެ އިދާރާއިން ޢާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށާއި، މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި mubaaraai@dba.gov.mv މެއިލްއަށް މެއިލް ކުރެއްވުމަށް ވެސް އެ އެކަޑަމީން އެދިފައިވެއެވެ.

މީގެއިތުރުން، މި މުބާރާތުގެ ޤަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv އިން ލިބެން ހުންނާނެކަމަށާއި، އިތުރު މައުލޫމާތު ހޯއްދެވުމަށް އެކެޑަމީގެ ނަންބަރު 7772816ށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެދިފައިވެއެވެ.