ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތިވެސް ވަނީ ފެނިފައެވެ.

Ad
rt

މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަހުގެ 21 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ހުދުރުވާގެ، ފަޒުލީން މުޙައްމަދު (39އ) އާއި އެ ގޭ ޢަޒުލިފު މުޙައްމަދު (30އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި ދެ މީހުންނަކީވެސް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ. އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ފަޒުލީން މުޙައްމަދު 70 ދުވަހަށް އަދި ޢަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.