ށ. މާއުނގޫދޫ ކައުންސިލުން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން، މި ޕްރޮގްރާމާ މެދު ކުރާ ބޮޑެތި އުންމީދުތަކާއި އެ ކުދިންގެ ޝުއޫރުތައް ފާޅުކޮށްފިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާ ލިބިގަނެ، ހުނަރުތައް ތަރައްގީކޮށް، އަމާޒުތަކަށް ވާސިލުވުމަށް ކުރާ ތަސައްވުރު ބައިވެރިން ވަނީ ހާމަކޮށްފައެވެ.

Ad
rt

މި އިންޓާންޝިޕްގައި ބައިވެރިވި އުމުރުން 18 އަހަރުގެ ހުސައިން ރައްޔާން ބުނީ، މި ޕްރޮގްރާމްގައި އޭނާ ބައިވެރިވި މައިގަނޑު މަގުސަދަކީ އިވެންޓްތައް ރޭވުމާއި އާންމުންގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ހުނަރު ތަރައްގީކުރުން ކަމަށެވެ. އަދި ޕްރޮގްރާމް ނިމޭއިރު، އިތުބާރާއި ޔަގީންކަމާއެކު ވާހަކަދެއްކޭފަދަ މޮޅު ވާހަކަދެއްކުންތެރިއަކަށް ވެވިދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން، މި އިންޓާންޝިޕްގައި ބައިވެރިވި އުމުރުން 20 އަހަރުގެ ޝަމްހާ ހުސައިން ހަބީބް ބުނި ގޮތުގައި، އޭނާގެ މައިގަނޑު ބޭނުމަކީ ކިބައިގައި ހުރި ހުނަރުތައް އިތުރަށް ތަރައްގީކުރުމެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި، މުސްތަގުބަލަށް ފައިދާކުރާނެ އައު ކަންކަން ދަސްކޮށް، ތަފާތު ތަޖުރިބާތަކެއް ހޯދުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ޝަމްހާ ފާހަގަކުރިއެވެ.

މާއުނގޫދޫގައި ދިރިއުޅޭ ފަރާތްތަކުގެ ފަންނީ ފެންވަރު މަތިކުރުމުގެ ގޮތުން، ރަށުގެ ޒުވާނުންނާއި ސްކޫލް ނިންމާ ކުދިންނަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މި ޕްރޮގްރާމަކީ ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން މަސައްކަތުގެ އަމަލީ މައިދާނުގައި ދުވާލަކު ހަތަރު ގަޑިއިރު ހޭދަކުރަންޖެހޭނެއެވެ. މިއީ ޒުވާނުންނަށް އޮފީސް މާހައުލުގެ މަސައްކަތްތައް އަމަލީ ގޮތުން ދަސްކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

އިންޓާންޝިޕްގައި ބައިވެރިވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން، އޮފީހަށް ހާޒިރުވެ ހަތަރު ގަޑިއިރު ފުރިހަމަކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް މާއުނގޫދޫ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.