އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އާއި ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއޭފާ) އަށް ގޮވާލައިފިއެވެ.

އެމްނެސްޓީން މިކަމަށް ގޮވާލާފައިވަނީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި އިސްރާއީލުން ގާއިމުކޮށްފައިވާ ގާނޫނާ ހިލާފު އާބާދީތަކަށް ނިސްބަތްވާ ފުޓްބޯޅަ ކްލަބްތަކަށް އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ތާއީދުކުރަމުންދާތީއެވެ. އަދި މިފަދަ ހާލަތެއްގައި ޔުއޭފާ ނޭޝަންސް ލީގުގައި އިސްރާއީލު ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

Ad
rt

އެމްނެސްޓީ އިންޓަނޭޝަނަލްގެ ޔޫރަޕްގެ ރީޖަނަލް ޑިރެކްޓަރު ސްޓީވް ކޮކްބާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގާނޫނާ ހިލާފު އާބާދީތަކަށް ތާއީދުކުރާކަމުގެ ސާފު ހެކި ހުރިއިރުވެސް، މި ފެށޭ އޮޓަމްގައި އިސްރާއީލުގެ ފިރިހެން ފުޓްބޯޅަ ޓީމު ނޭޝަންސް ލީގުގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައިވާ އާބާދީތަކަށް ނިސްބަތްވާ ކްލަބްތައް މުބާރާތްތަކުން ބާކީކުރުމަށް އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ދެކޮޅުހަދާތީ، ފީފާއާއި ޔުއޭފާއިން އެ އެސޯސިއޭޝަން ސަސްޕެންޑް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮކްބާން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި އިސްރާއީލުގެ ލީގުތަކުގައި މިފަދަ ކްލަބްތައް ބައިވެރިވުމަކީ ފީފާގެ ގަވާއިދުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. އަދި ފީފާއާއި ޔުއޭފާއިން އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ދޭ ފައިސާގެ ސަބަބުން އިސްރާއީލުގެ ގާނޫނާ ހިލާފު އިސްތިއުމާރާއި، އާބާދީތައް ފުޅާކުރުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމަށް އެހީތެރިވެދެވުމުގެ ނުރައްކާ އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަނިޔާވެރި އަމަލުތައް ހިންގާ ދައުލަތްތަކުގެ ޕަބްލިކް ރިލޭޝަންސް ވަސީލަތެއްގެ ގޮތުގައި ކުޅިވަރު ބޭނުންކޮށްގެން ނުވާނެ ކަމަށާއި، ފުޓްބޯޅައަކީ އެޕާޓްހައިޑް ނުވަތަ އެކެހެރިކުރުމުގެ ސިޔާސަތުތަކަށް ތާއީދުކުރާ އެއްޗަކަށް ވެގެންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގައި އިސްރާއީލު ކުޅުމަށް ހަމަޖެހިފައިވަނީ ނޭޝަންސް ލީގުގެ ބީގެ ގްރޫޕް ބީ3 ގައެވެ. މި ގްރޫޕުގައި އިސްރާއީލުގެ އިތުރުން ހިމެނެނީ އޮސްޓްރިއާ، ރިޕަބްލިކް އޮފް އައިރަލަންޑް އަދި ކޮސޯވޯއެވެ. ޔުއޭފާއިން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގެ ލީގު މަރުހަލާ ބުރާސްފަތި ދުވަހު ފެށޭއިރު، ފުރަތަމަ މެޗުގައި އޮސްޓްރިއާއިން ނުކުންނާނީ އިސްރާއީލާ ދެކޮޅަށެވެ. މީގެއިތުރުން އިސްރާއީލުން ސެޕްޓެމްބަރު 27 އަދި އޮކްޓޯބަރު 4 ގައި އައިރަލަންޑާ ދެކޮޅަށް ކުޅޭއިރު، އޮކްޓޯބަރު 1 އަދި ނޮވެމްބަރު 14 ގައި ކޮސޯވޯއާ ދެކޮޅަށް ކުޅޭނެއެވެ. އަދި ނޮވެމްބަރު 17 ގައި އިސްރާއީލުން އޮސްޓްރިއާއާ ދެކޮޅަށް އަމިއްލަ ގައުމުގައި މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްނެސްޓީން ބުނެފައިވާ ގޮތުގައި، އިސްރާއީލު މުބާރާތުގައި ބައިވެރިވުމާ ދެކޮޅަށް އައިރަލަންޑްގައި ދަނީ އިހުތިޖާޖުތައް ފުޅާވަމުންނެވެ. އެގޮތުން އައިރަލަންޑުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނާއި، އެކްޓިވިސްޓުންނާއި، ޓްރޭޑް ޔޫނިއަންތަކުގެ އިތުރުން ސިޔާސީ ފަރާތްތަކުން ދަނީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއެޅުމަށާއި، މުބާރާތް ބޮއިކޮޓްކުރުމަށް ނުވަތަ ސަސްޕެންޑްކުރުމަށް ގޮވާލަމުންނެވެ. އަދި އައިރަލަންޑުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއައި) އިންވެސް އިސްރާއީލު ސަސްޕެންޑްކުރުމާ މެދު ވިސްނުމަށް ޔުއޭފާގައި އެދިފައިވާ ކަމަށް އެމްނެސްޓީން މައުލޫމާތު ދެއެވެ.

އިސްރާއީލުގެ އާބާދީތަކަށް ނިސްބަތްވާ ކްލަބްތައް އިސްރާއީލުގެ މުބާރާތްތަކުން ބާކީނުކުރާނަމަ، އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް އެދި އެމްނެސްޓީން ވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފީފާއާއި ޔުއޭފާއަށް ސިޓީއެއްވެސް ފޮނުވާފައެވެ. ނަމަވެސް، އާބާދީތަކުގެ ކްލަބްތައް ބައިވެރިވާ މައްސަލައިގައި އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް 2026 ވަނަ އަހަރުގެ މާޗް މަހު ފީފާއިން ނިންމި ކަމަށް އެމްނެސްޓީން ބުނެއެވެ. މިއާއެކު، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާގެ އެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) ގައި އިސްތިއުނާފުކޮށްފައެވެ.