ހއ. ތަކަންދޫ ރައްޔިތުންގެ ޙާލުބެލުމަށާއި، ދިމާވާ ދަތިތަކާއި ޚިޔާލުތައް ދެނެގަތުމަށްޓަކައި އެ ރަށު ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލައި، ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި އެ ކަންކަން ހިމެނުމެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ރައްޒާޤް "ތިލަދުން"އަށް ވިދާޅުވީ، މި ޒިޔާރަތްތަކުގެ ތެރެއިން ރަށުގެ ސިއްޙީ މަރުކަޒުން ބައެއް ޓެސްޓުތައް ފުރިހަމައަށް ނުހެދޭ މައްސަލަ ރައްޔިތުން ވަނީ ފާހަގަކޮށްފައިވާކަމަށެވެ. އަދި ރަށު ސްކޫލުގައި ކުދިން މަދުވުމުގެ ސަބަބުން ތަޢުލީމީ ޙާލަތު ދަށްވުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ހުށަހެޅިކަމަށް ރައްޒާޤް ވިދާޅުވިއެވެ.
ތަކަންދޫ ރައްޔިތުންގެ ޙާލުބެލުމަށާއި، ދިމާވާ ދަތިތަކާއި ޚިޔާލުތައް ދެނެގަތުމަށްޓަކައި އެ ރަށު ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުން، ފޮޓޯ: ތަކަންދޫ ކައުންސިލް
ކައުންސިލުން ވަނީ ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި އިދާރާތަކާ ގުޅުންހުރި މިފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީފައެވެ.
މާލެ ސަރަހައްދުން ބޯހިޔާވަހިކަމާއި ގޯތި ހޯދުމަށްޓަކައި ރަށުން ގެވަޅު ދޫކޮށް، މާލެ ބަދަލުވުމުގެ ސަބަބުން ގޭގެ ވީރާނާވެ، ދިރިއުޅޭ އާބާދީ މަދުވަމުންދާކަމީ އެ ކައުންސިލްގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ކައުންސިލްތަކަށް ބަޖެޓު ދެނީ ދިރިއުޅޭ އާބާދީއަށް ބަލައިގެން ކަމަށްވާތީ، ލިބޭ ބަޖެޓު މަދުވެ ރަށުގެ ތަރައްޤީއަށް ނޭދެވޭ އަސަރުކުރާ ކަމަށާއި، މީގެ ސަބަބުން ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކަށްވެސް ހުރަސްތަކެއް އެޅެމުންދާކަމަށް ތަކަންދޫ ކައުންސިލުން ބުންޏެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ސަބަބުން، ރަށްރަށުގެ ޙާލަތު ދަށަށް ގޮސް، ރަށުގައި ދިރިއުޅޭ މީހުން މަދުވުމަކީ އެ ކައުންސިލުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ރައްޒާޤް ފާހަގަކުރެއްވިއެވެ.
ތަކަންދޫ ރައްޔިތުންގެ ޙާލުބެލުމަށާއި، ދިމާވާ ދަތިތަކާއި ޚިޔާލުތައް ދެނެގަތުމަށްޓަކައި އެ ރަށު ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުން، ފޮޓޯ: ތަކަންދޫ ކައުންސިލް
ރަށުގައި އާސާރީ މަރުކަޒެއް ޤާއިމުކުރުމަށްޓަކައި ގޭގެއަށް ކުރި ޒިޔާރަތްތަކުގައި އިހުގެ ތަކެތި އެއްކުރުމުގެ މަސައްކަތްވެސް ކައުންސިލުން ކޮއްފައިވާނެކަމަށް ރައްޒާޤް ވިދާޅުވިއެވެ. އެގޮތުން ރަށު ތެރޭގައި ތާރީޚީ ގިނަ ސާމާނުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި، ރަށުގެ ތާރީޚީ ހުކުރު މިސްކިތާއި އާސާރީ ތަކެތި ބޭނުންކޮށްގެން، ރަށަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކުރުމަކީ ކައުންސިލްގެ އެއް އަމާޒުކަމުގައި ރައްޒާޤް ވިދާޅުވިއެވެ.
ކުރިއަށް އޮތްތާ ތަކަންދޫއަށް ލޯކަލް ޓޫރިޒަމް ތަޢާރަފްކުރުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އުއްމީދެއްކަމުގައި ރައްޒާޤް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ކައުންސިލުން ރާވާ ހިންގާ ކަންކަމުގައި، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދީ، ހިމޭންވެފައިވާ އެ ރަށަށް، ސްކޫލް ބަންދުތަކުގައި މީހުން ޒިޔާރަތްކުރާ ހަލަބޮލި ރީތި މާހައުލެއް އުފެއްދުމަށް ކުރާ މި މަސައްކަތަށް ރައްޔިތުންގެ ބޮޑު ތަރުޙީބަކާއި އެއްބާރުލުމެއް ލިބެމުންދެއެވެ.
އާންމުކޮށް ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކަށް ހާޒިރުވާ މީހުން މަދުވާތީ، ސީދާ ރައްޔިތުންނާ ގާތުން ބައްދަލުކޮށް މަޝްވަރާ ހޯދުމަށްޓަކައި، ކޮންމެ ތިން މަހުން އެއް މަހު މިފަދަ ޒިޔާރަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!