މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީ ލީޑަރެއްގެ ސިފައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 'ވިމެން އިން ޕޮލިސިންގ ޑޭ' ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

އެ ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަކީ އެފަދަ ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް އަންހެން ފުލުހުންނަށް ވަޒީރު ގޮވާލެއްވިއެވެ.

މީގެއިތުރުން، ލީޑަރުންނަކީ އަމިއްލަ ޤާބިލްކަމާއި ނަފުސަށް އޮންނަ އިތުބާރާއި، އިސްނެގުން ކުރިއަށް ނެރޭނެ ބައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ލީޑަރުން އަބަދުވެސް މަސައްކަތް ކުރާނީ އެކުގައި މަސައްކަތް ކުރާ އެންމެންނާ ގުޅިގެން ކަމަށެވެ.

ހަމައެއާއެކު، ކަންކަމުގައި އަމިއްލަ ނަޒަރިއްޔާ ހިއްސާކުރުމާއި، މައްސަލަތައް އިސްވެ ހައްލުކުރުމުގެ ސަޤާފަތެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ވަޒީރު އިޙްސާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަހަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ"ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ.