ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ ކައިރި ސަރަހައްދުތަކަށް އެރި ވަރުގަދަ ތޫފާން "ދުޖުއާން" ގެ ސަބަބުން ރެކޯޑު މިންވަރަކަށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގައި މިހާތަނަށް ދެ މީހަކު މަރުވެއްޖެއެވެ.

މި ތޫފާނާ ގުޅިގެން 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމުގެ އިރުޝާދު ދީފައިވާއިރު، ސަތޭކަޔަށްވުރެ ގިނަ ފްލައިޓް ކެންސަލްވެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ.

Ad
rt

ކިޔޯޑޯ ނިއުސްއިން އެ ގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތޫފާނުގައި ދެ މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. ހޯމަ ދުވަހު މި ތޫފާން ޓޯކިއޯއާ ކައިރީގައިވާ ކަޓްސޫރާގެ ދެކުނުން 130 ކިލޯމީޓަރު (80 މޭލު) ބޭރުން ދަތުރުކުރިއިރު، ވައިގެ ބާރުމިން ހުރީ ގަޑިއަކު 144 ކިލޯމީޓަރު (89 މޭލު) ގައެވެ. މި ތޫފާނުގެ ސަބަބުން އެތައް ހާސް އާއިލާއަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.

ތޫފާނުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޖަޕާން އެއާލައިންސްއިން ވަނީ 135 ފްލައިޓް ކެންސަލްކޮށްފައެވެ. އަދި އޯލް ނިޕޯން އެއާވޭސްއިން 140 ފްލައިޓް ކެންސަލްކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ދަތުރުވެރިން ވަނީ އެއާޕޯޓުތަކުގައި ތާށިވެފައެވެ. މީގެ އިތުރުން ޖަޕާން ރޭލްވޭސްއިން ބުނި ގޮތުގައި، ޓޯކިއޯ އާއި އޯސާކާ ގުޅުވައިދޭ ބުލެޓް ރޭލުގެ ހިދުމަތް ހުއްޓިފައިވާއިރު، އެއްގަމު ރޭލުގެ ބައެއް ހިދުމަތްތައްވެސް ވަނީ މެދުކަނޑާލައިފައެވެ.

ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ބުނީ، ސެޕްޓެމްބަރު މަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހި، މި ފަހަރު ރެކޯޑު މިންވަރަކަށް ވާރޭވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެ އޭޖެންސީގެ މަސްއޫލުވެރިއެއް ކަމަށްވާ ތަކުޔާ ހޮސޯމީ ބުނީ، ތޫފާން އުތުރަށް ދަތުރުކުރަމުންދާއިރުވެސް ވާރޭވެހުން ކުރިއަށް ދިއުމުގެ ފުރުސަތު އެބިއޮތް ކަމަށެވެ. ޖޭއެމްއޭއިން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތޫފާން ވަނީ ގޮނޑުދޮށާ ދުރަށް ޖެހި، ވައިގެ ބާރުމިން ކުޑަކޮށް މަޑުވެ އަލެއުޝަން ޖަޒީރާތަކާ ދިމާލަށް މިސްރާބު ޖަހައިފައެވެ.

މި ތޫފާނުގެ ސަބަބުން މަޝްހޫރު ފަތުރުވެރި ސަރަހައްދެއް ކަމަށްވާ ކަމަކޫރާ ސްޓޭޝަން ކުރިމަތީގައްޔާއި، ޓޯކިއޯގެ އިރުމަތީގައިވާ އިޗިކާވާގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ކަމަކޫރާގެ މޭޔަރު ތަކާޝީ މަތުސޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޓީގެ ތަފާތު ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ކާރުގައި ދަތުރުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ވީޑިއޯ ގޭމް ފެއާ ކަމަށްވާ 'ޓޯކިއޯ ގޭމް ޝޯ' ގެ ފަހު ދުވަސް ކަމަށްވާ ހޯމަ ދުވަހު ވަނީ ނިންމާލުން އަވަސްކޮށްފައެވެ. އަދި ޗިބާގައި ބޭއްވުމަށް ހަމަޖެހިފައިވި ބޮޑު މިއުޒިކް ފެސްޓިވަލަކާއި ބޭސްބޯޅަ މެޗެއްވެސް ވަނީ ކެންސަލްކޮށްފައެވެ.ާޅ

ތޫފާން "ދުޖުއާން" އަކީ މި އަހަރުގެ ތެރޭގައި ޖަޕާނަށް އެރި 25 ވަނަ ތޫފާނެވެ. ޖަޕާނަކީ ވިލާރެސް މޫސުމުގެ ފަހުކޮޅާއި ހޭރިމޫސުމުގެ ކުރީކޮޅުގައި އާންމުކޮށް ވަރުގަދަ ތޫފާންތައް ކުރިމަތިވާ ގައުމެކެވެ. މި ތޫފާން މިހާރު ދަނީ ޖަޕާނުގެ އިރުމަތީ ގޮނޑުދޮށުން އުތުރުއިރުމައްޗަށް، ޕެސިފިކް ކަނޑުގެ ތެރެއަށް ދަތުރުކުރަމުންނެވެ.