ސެނެގާލްގެ ގައުމީ ޓީމާއި ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސާޑިއޯ މާނޭ، އޭނާގެ އުފަން ރަށް ކަމަށްވާ ސެނެގާލްގެ ބަމްބާލީގައި 20.4 މިލިއަން ޑޮލަރު (15 މިލިއަން ޕައުންޑް ނުވަތަ 11.7 ބިލިއަން ސީއެފްއޭ ފްރެންކް) ގެ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ނިންމައިފިއެވެ.
"އެސްއެމް10 އެގްރޯ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ސަރަހައްދުގެ ދަނޑުވެރިކަން ކުރިއަރުވައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގައި ފަށާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިމެއްގައި އަނބު ހެއްދުމުގެ ބޮޑު ދަނޑެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ދަނޑުގައި ގާތްގަނޑަކަށް 78،000 އަނބުގަސް އިންދުމަށް ނިންމާފައިވާއިރު، ފުރަތަމަ އުފެއްދުންތައް ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެއިތުރުން މި ކޮމްޕްލެކްސްގައި މޭވާ ސާފުކޮށް ގްރޭޑްކުރުމާއި، ބަންދުކުރުމުގެ އިތުރުން އަނބު ބޭނުންކޮށްގެން އަނބު ޕަލްޕް، ހިއްކި އަނބު އަދި މެންގޯ ބަޓަރު ފަދަ އުފެއްދުންތައް އުފައްދާ މަރުކަޒެއްވެސް ހިމެނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާއެކު ސީދާ 1،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. އަދި ފެސިލިޓީގެ މަސައްކަތް ފުރިހަމައަށް ހިންގަން ފެށުމުން، ވަޒީފާގެ އަދަދު 2،500 އަށް އުފުލޭނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން ދަތުރުފަތުރާއި، ސަޕްލައި އަދި އެހެނިހެން ޚިދުމަތްތަކުގެ ތެރެއިން އިތުރު ނުސީދާ ވަޒީފާތައް އުފެދޭނެއެވެ. މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަމުގެ ތަމްރީނުދޭ ކޮލެޖެއް ނުވަތަ ސެންޓަރެއް ގާއިމުކޮށް، ޒަމާނީ ދަނޑުވެރިކަމުގެ އުސޫލުތައް ދަސްކޮށްދިނުމާއި، އަމިއްލަ ދަނޑުވެރިންނާއި ކޯޕަރޭޓިވްތަކާއެކު މަސައްކަތް ކުރުމަށް ވަނީ ރާވާފައެވެ.
މި މަޝްރޫއު އިފްތިތާހުކުރުމަށް ދަކާރުގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނާ ވާހަކަދައްކަމުން މާނޭ ބުނީ، މިއީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، އޭނާގެ އުފަން ސަރަހައްދުގެ ރައްޔިތުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.
"އަހަރެން ބޭނުންވަނީ އަހަރެމެންގެ ސަރަހައްދުގެ ޒުވާނުންނާއި އަންހެނުންނަށް ތަމްރީނުވެ، ކުރިއެރުން ހޯދުމުގެ ހަގީގީ ފުރުސަތެއް ލިބެން. އަހަރެމެންގެ ފަސްގަނޑުގެ މުއްސަނދިކަން މި ތަނުގައި، އަމިއްލަ ގޭގައި ސާބިތުވެ އޮތުމަކީ އަހަރެން އެދޭ ގޮތް،" މާނޭ ބުންޏެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު 2026 ސެޕްޓެމްބަރު 19 ގައި ބަމްބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިމާރާތްކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 18 މަސްދުވަސް ނަގާނެއެވެ.
މި ބޮޑު އިންވެސްޓްމަންޓަކީ ބަމްބާލީގެ ތަރައްގީއަށް މާނޭ ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ މުހިންމު ކުރިއެރުމެކެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމުގެ ކުރިންވެސް މާނޭ ވަނީ އޭނާގެ އުފަން ރަށުގައި ސްކޫލަކާއި، ހޮސްޕިޓަލަކާއި، މިސްކިތެއްގެ އިތުރުން ޕޯސްޓް އޮފީހަކާއި، ޕެޓްރޯލް ޝެޑެއް އަދި ހައުސިންގް މަޝްރޫއުތައް ގާއިމުކޮށްދީފައެވެ.
އުމުރުން 34 އަހަރުގެ މާނޭއަކީ ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސެނެގާލް ޓީމުގައި ހިމެނިގެން ކުޅެ، އެ މުބާރާތުގެ ނޮކްއައުޓް ބުރަށް ސެނެގާލް ދަތުރުކުރުމުގައިވެސް އޭނާ ވަނީ ބޮޑު ހިއްސާއެއް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!