ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އާބާދީ ދައްވަމުންދާތީ، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެކްސްޕޯޓްކުރެވޭނެ މިންވަރަކީ 10.95 ޓަނުގެ ހިއްކާފައިވާ ކައްޗަލަ ކަމަށް ކަނޑައަޅައި، އެކަމަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ކުރި އިއުލާނެއްގައެވެ.

Ad
rt

ފިޝަރީޒް މިނިސްޓްރީން ބުނީ، ކައްޗަލަ (Amberfish, Thelenota anax) އަކީ 2022 ވަނަ އަހަރު ބޭއްވި ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ (ސައިޓީސް) ބައްދަލުވުމުގައި، އޭގެ އާބާދީ ދައްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެއް ކަމަށެވެ.

ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދައާއެކުގައެވެ. އަދި އެފަދަ ބާވަތެއް އެކްސްޕޯޓްކުރަން ހުއްދަ ދެވޭނީ ސައިޓީސް ސައިންޓިފިކް އޮތޯރިޓީން ތައްޔާރުކުރާ 'ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ' (އެންޑީއެފް) އަކުން، އެ ބާވަތެއް މާހައުލުން ނަގައި އެކްސްޕޯޓްކުރާ މިންވަރަކީ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ނެގޭ މިންވަރެއްކަން ކަނޑައެޅުމުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ބާވަތް ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ ކައްޗަލަ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށްފައެވެ. އަދި ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެކްސްޕޯޓްކުރެވޭނެ އެންމެ މަތީ މިންވަރަކީ 10.95 ޓަނުގެ ހިއްކާފައިވާ ކައްޗަލަ ކަމަށް އެމްއެމްއާރްއައި އިން ވަނީ ކަނޑައަޅައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، 20 ސެޕްޓެންބަރު 2026 އިން ފެށިގެން 12 މަސްދުވަހުގެ މުއްދަތަށް (19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް)، ނުވަތަ ކަނޑައެޅިފައިވާ ކޯޓާ ބޭނުންކޮށް ނިމެންދެން ކައްޗަލަ އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި ކޯޓާ ބޭނުންކުރެވޭނެ ހަމަތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ "ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓުކުރުމަށް ކަނޑައަޅައިފައިވާ ކޯޓާ ތަންފީޛުކުރުމާބެހޭ އުޞޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.

މި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ކައްޗަލަ އެކްސްޕޯޓްކުރެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ ކެޗް ސެޓްފިކެޓަކާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ދޫކުރާ ސައިޓީސް ޕާމިޓަކާ އެކުގައެވެ. އަދި މިއަށްފަހު، ޖެހިގެން ހިނގާ 12 މަސްދުވަހަށް ކަނޑައެޅޭ ކޯޓާއާއި އެ ކޯޓާ ތަންފީޛުކުރެވޭނެ ގޮތްވެސް އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.