ށ.ކޮމަންޑޫ، ވައިޓްވިލާ، މަރުޙޫމް ޢަބްދުއްސަލާމް މުޙައްމަދު އަވަހާރަވިތާ 18 ސެޕްޓެމްބަރ އަށް 4 އަހަރުވީ އެވެ. ޚުލްޤު ހެޔޮ ދިރިތިބީން ޒިކުރާ ކުރާނޭ ގިނަ ޚިދުމަތްތަކެއް ދޫކުރައްވާ ފައެވެ. މުތާލިއާކޮށް ޢިބްރަތް ޙާޞިލް ކުރުމަށް ބައިވަރު ފިލާވަޅުތައް އެ މަރުޙޫމުގެ ކުުރު ޙަޔާތުގައި ޢަމަލީ ގޮތުން ވަނީ ނަންގަވާ ދެއްވާ ފައެވެ.

މަރުޙޫމް ސަލާމް ގެ ކުރުޙަޔާތަކީ ދިގު ވާހަކަ އެކެވެ. ކުލާސް ރޫމް ގައި ޚާއްޞަ ކޮށް މަތީ ތަޢުލީމުގެ މަރުޙަލާ ގައި ބޭނުން ކުރާނޭ ލީޑަރޝިޕް ކޭސްތަކެއް އޭނާގެ މަސައްކަތުގެ ޙަޔާތުން ލިޔެ އެއްކުރެވިދާނެ އެވެ. މަސައްކަތުގެ މައިދާނުގައި އަމުދުން، ލާމަރުކަޒުކޮށް ރަށް ހިންގުމުގެ ބޭނުން ހިފާނޭ ގިނަ ޙިކުމަތްތަކެއް އެ މަރުޙޫމް ޙަޔާތުން ފެނުނެވެ.

Ad
rt

ށ.އަތޮޅު ކޮމަންޑޫ އަކީ އޭނާ ގެ އުފަން ރަށެވެ. ކޮމަންޑޫ ގެ ކުޑަކަތީބު ކަމާއި ކަތީބު ކަން އޭނާ ކުރެއްވި އެވެ. މަސައްކަތުގެ ވައްޓަފާޅި މުޅިން ތަފާތު ކަތީބެކޭ ދެންނެވުން ވާނީ އޭނާގެ ލީޑަރޝިޕް ސްޓައިލް އަށް ކުރެވޭ އިންސާފަކަށެވެ. ޢަބްދުއްސަލާމް ކޮަަމަންޑޫ ހިންގުމުގައި ދުނިޔެ އަށް، ދިވެހިރާއްޖެ އަށް އަދި އަތޮޅާއި ރަށަށް ނަޒަރު ކުރިއެވެ.

ވެރިކަމުގެ ނިންމުންތައް ނިންމުމުގައި އަދުލުވެރިކަން ކޮންމެ ދުވަހަކު އިސްކުރެއްވި އެވެ. "ވޯޓް އަކީ ރައްޔިތު މީހާގެ ޙައްޤެއް. ވޯޓް ލާނީ އެމީހަކަށް ފެންނަ ގޮތަކަށް" ކަތީބެއް ގެ މަޤާމުގައި ހުންނަވަނިކޮށް، ފުރަތަމަ ބައްދަލުކުރި ރިޔާސީ އިންތިޚާބުގައި ވޯޓް ލުމަށް، ބޯމަތިވެފައި ވަނިކޮށް، ކޮމަންޑޫ އޮފީހުން ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. މި އިންތިޚާބު ފާހަގަވެފައިވަނީ އެހާތަނަށް ވޯޓު ކަރުދާހުން ކޮަމަންޑޫ އިން ނުފެންނަ "ރަސްގެ" ފެނުމެވެ. 67 މީހަކު ވޯޓް ކަރުދާހުން، ވޯޓް ކަރުދާހުގައި އޮތް ކެންޑިޑޭޓަށް ނުފެންނަކަން ހާމަ ކުރުމެވެ. މީގެ ނަތީޖާ އަކަށްވީ ވެރިކަމުގެ ނުރުހުން "އަދަބުވެރިކޮށް" ރަށަށް ފަސް އަހަރު ވަންދެން ލިބުމެވެ. ރައްޔިތުންނާ މުއާމަލާތް ކުރުމުގައި ކަމޭހިތުމާއި އިޙުތިރާމް ކުރުން އެއީ އޭނާގެ އާދަ އެވެ." އަހަރެމެން ސަލާމް ކަތީބު ކައިރިއަށް ރުޅި އައިސް ގެންވެސް އަންނަން، އަޑުހަރުކޮށް ވެސް ވާހަކަ ދައްކަން، އެކަމަކު އޭނާ ރުޅި އެއް ނާދެ. އޭނާ ހުންނާނީ އަޑު އަހަން، ވާހަކަ ދައްްކާނީ މަޑު މަޑުން. ނިމިގެން އަހަރެން ކޮންމެ ފަހަރަކުވެސް ދާނީ ހިތްހަމަ ޖެހިގެން." މިއީ އޭނާ ގެ ވެރިކަން ތަޖުރިބާ ކުރި މީހުންގެ ޢާއްމު ބުނުމެކެވެ. އެކިއެކި ބޭނުންޖެހިފައިވާ ރައްޔިތުންނަށް އެއީ އޯގާތެރި ރަޙުމަތްތެރިއެކެވެ. ޞިއްޚީ މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ކޮންމެ ދުވަހަކުވެސް އެންމެ ފަހުން ބައްދަލުވާ މީހަކީ ވެސް ކަތީބެވެ.ބަލިމީހާގެ އާއިލާ އާ އެންމެ ގާތުގައި ހުންނާނީ ކަތީބެވެ.ޅަފުރާގެ ޒުވާނުން ނަށް، އެއީ އެމީހުން އެންމެ އިތުބާރު ކުރާ ކައުންސެލަރ އެވެ. އޮޑިވެރިންނަށް، އެއީ އެމީހުންގެ ދޯނިފަހަރު އިންޖީނާއި ޕެޓްރޯލް ޕަންޕު، އަދި ފިޝް ފައިންޑަރ ފަދަ ތަކެތީ ގެ މައްސަލަތަކަށް ދިމާވާ މައްސަލަ ކިޔާ ދޭ މީހާ އެވެ. މިއީ ކޮމަންޑޫ މީހުން ކުޅަ ތަޖުރިބާ އެވެ.

ޢަބްދުއްސަލާމް ކަތީބު ކަމުގައި ހުންނެވި ދުވަސް ވަރު، އަޅުގަނޑު ކުރި މަސައްކަތުގެ ބާވަތުން ދިވެހިރާއްޖޭ ގެ އުތުރު، މެދުރާއްޖެތެރެ އަދި ދެކުނު ގެ އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. ކޮަމަންޑޫ އޮފީސް އަޅުގަނޑަށް ފެނުނީ ތަފާތު ކޮށެވެ. އެ ދުވަސް ވަރު އެ އޮފީހުގެ މަސައްކަތުގެ މާޙައުލު އިންތިޒާމުތައް ތަފާތެވެ. ކޮންމެ މުވައްޒަފަކަށް މަސައްކަތް ކުރާނޭ ކޮމްޕިއުޓަރެއް ހުރެއެވެ. އެ ހުންނަނީ ނެޓްވާރކަކުން ގުޅާފަ އެެވެ. އެއިރު އަޅުގަނޑުމެން މަސައްކަތަށް ނިކުންނަމުން ދިޔަ ވުޒާރާ ގެ އެންމެ ބޮޑު ސެކްޝަނުގައި ހުންނަނީ ބަރިއަކަށް ހުންނަ ތިން ހަތަރު ކޮމްޕިއުޓަރެވެ. ކޮމްޕިއުޓަރ ބޭނުން ކުރަން ޒާތެއް ގެ ކިއު އެއްވެސް އޮވެ އެވެ.

އާދަވެ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމާއި، ރަށު ރައްޔިތުންގެ މާލިއްޔަތު ހިސާބު އޮފީސް ނޯޓިސް ބޯޑަށް ނެރުމަކީ ކޮމަންޑޫ ގެ ސަގާފަތެކެވެ. ޢަބްދުއްސަލާމް ލީޑަރޝިޕް ގައި އަޅުގަނޑަށް ދެތިން ބައްދަލުވުމެއްގައި ބައިވެރި ވުމުގެ ނަސީބު ލިބުނެވެ. އެއިގެ ތެރެއިން އެއް ބައްދަލު ވުމުގެ މައުޟޫ އަކީ ކުކިން އޮއިލް ބޭނުން ކުރުމުގައި ސަމާލުކަން ދެއްވަންވީ ކަންތައް ތަކެވެ. އަނެއް ބައްދަލުވުމުގެ ވާހަކަ ދެއްކެވީ އަލިކޮށްގެން އެންދެމުމުގައި މެރައިން ކޭބަލް އާއި ލައިޓް ބޭނުން ކުރުމުގެ މައްޗަށް ބާރުއަޅުއްވަ އެެވެ. ރައްޔިތުންގެ ބައްދަލު ވުމެއްގައި ބައިވެރިވުމުގެ ފުރުޞަތު ދެން ލިބުނީ، މާލޭ ގެ ސޯޝަލް ސެންޓަރ ގެ ސެމިނާރ ރޫމެއްގައި ކޮމަންޑު އޮފީހުން ބޭއްވި ބައްދަލު ވުމެއްގައެވެ. އެއީ ތަފާތު ބައްދަލުވުމެކެވެ. ދެއްކެވި ވާހަކަ ތައް ބޮޑު ކަމުން ބައްދަލުވުމަށް އައިސް ތިބި ކޮމަންޑޫ ރައްޔިތުންގެ ބައެއް ބޭބޭފުޅުން ޖޯކް ޖެއްސެވި އެވެ. ހިންގަވަން ބޭނުންވާ މަޝްރޫޢު ތަކާއި އެ މަޝްރޫޢު ތަކަށް ބޭނުންވާ ފައިސާ ގެ ޢަދަދު ބޮޑުކަމުން، އެއީ އެ އެދުވަސް ވަރަށް ބަލާއިރު ޖޯކް ޖެހުން އެކަށީގެންވާ ޚިޔާލުތަކެއް ކަމަށް ވެސް އަޅުގަނޑު ހިތަށް ވަނެވެ. ބައްދަލުވުމަށް ފަހު ސްޓަރ ރެސްޓް ގެ ކެފޭ އަށް ވަދެ، ކަތީބު އަރިހު ރަށުގެ ބައެއް ބޭފުޅުން ޖެއްސެވި ޖޯކު އަޅުގަނޑަށް ދެންނެވުނެވެ. ވިސްނާލަން އިންނަވާ " އެހެންތަ، ތީ ކުުރިއެރުމެއް. ޙަޤީޤަތުގައި އެއީ ވެސް ރަައްޔިތަކު އަމިއްލަ ހިންގޭ ވަރަށް ވުރެ ބޮޑެތި ކަންކަމުގައި ދެކިވިދާނެ. އަހަރެން ބޭނުން ވަނީ ތަކުރާރު ކޮށް މިވާހަކަ ދައްކަން. އެއިރުން އެކަން ޢާއްމު އަޑަކަށްވެ ކުރެވޭނެ ކަން ގަބޫލު ކުރަން ފަށާނެ ދޯ" ވިދާޅުވިއެވެ. އަދި، "އެއިގެން އެއްވެސް ކުއްޖަކު އަހަރެން މިފާހަގަ ކުރި ކަންކަމަކީ، އެމީހުން ބޭނުން ނުވާ ކަމެކޭ ބުނިތަ؟ ނުބުނާ ކަމަށް ދެންނެވުމުން "ތިޔަހެން ވިއްޔާ ވަރަށް ރަނގަޅު" ސަލާމް ވިދާޅުވިއެވެ.

ޢަބްދުއްސަލާމު ކަތީބު ކަމުގައި، ކޮަމަންޑޫ ގައި ހިންގެވި މަޝްރޫޢު ތަކަކީ އެއިރަށް ބަލާއިރު އެއީ އާދަޔާ ޚިލާފު މަޝްރޫޢު ތަކެކެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅު ކޮމެޓީ އެއް ގެ މެމްބަރުން އެކަންކަން ބަލަން ކޮމަންޑޫ އަށް ޒިޔާރަތް ކުރެއްވިއެވެ. އެއިގެ ތެރެއިން ބައެއް އަތޮޅު ތަކުގެ ބޭފުޅުން، ކޮމަންޑޫ އިން އެމީހުން ކުޅަ ތަޖުރިބާ، ވިދާޅުވި އަޑު އެހުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. ކަތީބުގެ ދައުވަތަކަށް ދިވެހިރާއްޖޭގައި ހުންނަވާ ޔޫ އެން ރެސިޑެންޓް ކޯޑިނޭޓަރ ކޮަމަންޑޫ އަށް، މާލެ އިން ޢަބްދުއްސަލާމް އާއެކު ވަޑައިގަތެވެ. ކޮމަންޑޫ އަކީ ކުޑަޖަމާޢަތެއްގައި ބޮޑެތި މަޝްރޫޢުތައް އަމިއްލަ އަށް ހިންގިދާނެ ކަމުގެ މިސާލު ދުނިޔެ އަށް ނެގިދާނެ ރަށެއް ކަމުގައި، ރެސިޑެންޓް ކޯޑިނޭޓަރ ވިދާޅުވި އެވެ. ކޮަމަންޑޫ ގައި ސަލާމްގެ ކަތީބު ކަމުގައި ރައްޔިތުން ހިންގަވާ މަޝްރޫޢުތައް ދެކި އަގުވަޒަން ކުރުމުގެ ގޮތުން ކޮމަންޑޫ ރައްޔިތުންނަށް ހަދިޔާ އެއް ދެއްވަން ބޭނުންފުޅުވާ ކަމަށް ކަތީބު ސަލާމު އަރިހު، ސުނާމީ އަށްފަހު ރާއްޖޭ އާރާސްތު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި، ޖަރމަން ރެޑްކޮރޮސް ގެ އިސްވެރިޔާ ވިދާޅުވިއެވެ. ސަލާމް، އޭނާ އަރިހުން އެދިވަޑައިގެންނެވީ ރަނގަޅު ފެންވަރުގެ ޕްރީ ސްކޫލެއް ޤާޢިމު ކޮށްދެއްވުމަށެވެ. އެކަން ޖަރމަން ރެޑްކްރޮސް އިން ކޮށްދެއްވި އެވެ.
ކަތީބު ސަލާމް ގެ ކަތީބުކަމުގައި ކޮމަންޑޫ ގައި ހިންގެވި ބައެއް މަޝްރޫޢުތައް ލިސްޓް ކޮށްލާނަމެވެ.

1. ކޮމަންޑޫ ރައްޔިތުންގެ މީރު ފެނުގެ ވަޞީލަތް ގާއިމުކޮށް ޚިދުމަތް ދިނުން:
ކޮންމެ ގެއަކަށް އަދި ދަތުރުވެރިންނަށް، ޖެޓީ އަށް ކައިރި ކޮށްލުމުން ފެން ލިބޭނޭ ގޮތް ހެއްދެވި އެވެ. މާލެ އަށް ވުރެ އަގު ހެޔޮކޮށް، ފެނުގެ ޚިދުމަތް، ކޮމަންޑޫ އޮފީހުން ފޯރުކޮށްދިނެވެ. މީރު ފެން ލިޓަރެއްގެ އަގު ފުރަތަމަ 5 ލާރި އެެވެ. އެއިގެ ފަހުން 8 ލާރި ކަމަށް އަޅުގަނޑަށް އެނގިފައި ވެއެވެ.

އެ ޚިދުމަތް ދެއްވި އިރު އަޅުގަނޑު އަޅައިގެން ކުޑަކަމެއް މިތާ ފާހަގަ ކޮށްލާނަމެވެ. އެއިރު މާލޭގެ ފެން މީޓަރު ގެ ރީޑިންގ އާއި ފައިސާގެ ޢަދަދުތައް ހިމަނާ ފޮނުވާ ފެންބިލު އޭ ފޯ ސައިޒު ގަޑެއް ވަރު ވެއެވެ. ނަމަވެސް ކޮަމަންޑޫ އޮފީހުން އެ މަޢުލޫމާތު ތައް ހިމަނާ ފޮނުވާ ބިލް ސައިޒަކީ ގާތްގަޑަކަށް އޭ ފޯ ސައިޒުގެ ގަޑެއްގެ ހަތަރު ބައިކުޅަ އެއް ބައެެވެ.

2. ކޮމަންޑޫ ގެ ކޮންމެ ގެ އަކަށް އަދި ހުރިހާ މުއައްސަސާ އަކަށް ޓެލެފޯނުގެ ޚިދުމަތް ދިނުން:
މި ޚިދުމަތް މެދުވެރިކޮށް ރަށުތެރޭގެ ކޯލް ތައް ހިލޭ ކޮމަންޑޫ އޮފީހުން ދެއްވި އެވެ. ރަށުން ބޭރަށް ކުރާ ކޯލް ތަކަށް އަގު ނެގިއެވެ.

3. ކޮމަންޑޫ ޗެނެލް ( ކޭ ޗެނެލް) އުފައްދާ ޚިދުމަތް ދިނުން.
އަޅުގަނޑު ގެ މަޢުލޫމާތު ކުށް ކަމުގައި ނުވާނަމަ، ޓީވީ މޯލްޑިވްސް އަށް ވުރެ ކުރިން ކޭ ޗެނެލް ގައި ނިއުސް ބަރ ގެނެސްދިނެވެ.
ކޮމަންޑޫ އޮފީހާއި ތަޢުލީމީ މަރުކަޒާއި ޞިއްޙީ މަރުކަޒު ގެ މެސެޖް ތަކުގެ އިތުރުން އަދި ކޮމަންޑޫ އިން މާލެ ދަތުރު ކުރާ އުޅަދު ތަކުގެ ދަތުރު ޝެޑިއުލް އަރުވާފައި ވަނިކޮށް އަޅުގަނޑުވެސް ދުށީމެވެ.

4. ކޮމަންޑޫ ރައްޔިތުންގެ އިންފޮމޭޝަން ޓެކޮނޮލޮޖީ ސެންޓަރ ޤާއިމުކޮށް ޚިދުމަތް ދިނުން.
އިސްވެ ދެންނެވި ޓެކްނޮލޮޖީ އާ ގުޅުން ހުރި މަަސައްކަތްތައް ބަލަހައްޓަމުން ދިޔައީ މި ސެންޓަރުން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވެއެވެ.

5. ތަޢުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބް ޤާއިމު ކުރުން.
މިކަމަކީ ތަޢުލީމީ މަރުކަޒާއި ކޮމަންޑޫ އޮފީހުގެ ލީޑަރޝިޕް ގުޅިގެން ރައްޔިތުންގެ ގޮތުން ގާއިމުކުރި ލެބެކެވެ. މި ކޮމްޕިއުޓަރ ލެބް، ހުޅުވައިދެއްވީ ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ހެޑްމާސްޓަރ، ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރު އެވެ. މިއީ ރައްޔިތުން ނުވަތަ ބެލެނިވެރިން ގެ ގޮތުން ދިވެހިރާއްޖޭގައި ގާއިމު ކުރި ފުރަތަމަ ކޮމްޕިއުޓަރ ލެބެވެ.

6. ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީ ކުރުން.
ތައުލީމީ މަރުކަޒާ ކޮމަންޑޫ އޮފީސް ގުޅިގެން ބެލެނިވެރިންގެ މަޝްރޫޢު އެއްގެ ގޮތުގައި ލައިބްރަރީ ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިންގެވި އެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫޢު ގެ ދަށުން ބޭނުންވާ ގިނަ ފޮތްތައް ގެނައީ ރާއްޖޭން ބޭރަށް ސަލާމް ކަތީބު އިސްވެ ވަޑައިގެންނެވެ.

7. ތަޢުލީމީ މަރުކަޒުގައި ކިޔަވައިދިނުމަށް އައި ސީ ޓީ ވަޞީލަތް ޤާއިމު ކުރުން.
މި މަޝްރޫޢުގެ ދަށުން ކޮންމެ ކުލާހެއްގައި ޓީވީ ހަރުކޮށް، އިންޓަރނެޓް ލިބޭނޭ އިންތިޒާމް ހަމަޖެއްސުނެވެ. މިއީ ވެސް ބެލެނިވެރިންގެ ގޮތުން ތަޢުލީމީ މަރުކަޒާއި ކޮމަންޑޫ އޮފީސް ގުޅިގެން ހިންގާ ފައިވާ މަޝްރޫޫޢު އެކެވެ. މި މަސަތްކަތްތައް ކުރުމުގައި ތަޢުލީމީ މަރުކަޒުގެ ވެރިންނާއި އެކު އިސްވެ މަސައްކަތް ކުރުމުގެ އިތުރަށް ސަލާމް ކަތީބަކީ މަޝްރޫޢުގެ ޓެކްނިކަލް އެޑްވައިޒަރެވެ.
ޢަބްދުއްސަލާމް މުޙައްމަދުގެ ކަތީބު ކަމުގައި މި ފަދަ އަދިވެސް އެތައް ޚިދުމަތްތަކެއް ކޮމަންޑޫ ގައި ޤާއިމު ކުރެއްވި އެވެ.

ކޮމަންޑޫ ހިންގެވީ ތަޞައްވުރެ އޮވެގެންނެވެ. އެއީ ރައްޔިތުންގެ ތަޞައްވުރެކެވެ. މި ތަޞައްވުރު އެދުވަސް ވަރު، ކޮމަންޑު އޮފީހުގެ ނޯޓިސް ބޯޑުގައި ފެންނާން ހުރެއެވެ.
ތަޞައްވުރު އެކުލަވާލީ ކޮމަންޑޫ އަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ފަހު އެވެ. އިސްވެ ދެންނެވި ފަދައިން ރަށާއި އަތޮޅާއި ރާއްޖެ އަށް އަދި ދުނިޔެ ނަޒަރު ހިންގައިގެންނެވެ.
ކޮމަންޑޫ ގެ ތަޞައްވުރު ޙާޞިލުކުރުމަށް މަޝްރޫޢު ތައް ކަނޑައެޅި އެވެ. މަޝްރޫޢު ތަކުގެ ޕްރޮޕޯސަލް ތަކާއި، ފައިނޭންޝަލް ޕްރޮޖެކްޝަންތައް ސަލާމް ކަތީބު އަޅުގަނޑަށްވެސް މާލޭ އިން ބައްދަލުވި ފަހަރެއްގައި ދެއްކެވި އެވެ.

ސަލާމް ކަތީބު ކޮަމަންޑޫ އާ ގުޅޭ ގޮތުން ގެންގުޅުއްވި ތަޞައްވުރު އެއްކޮށް ޙާޞިލްވި އެކޭ ދެންނެވޭ ކަށް ނެތެވެ. ނަމަވެސް ވަރަށް ބޮޑު ބައެއް ޙާޞިލުވިކަމަށް އަޅުގަނޑުވެސް ކޮމަންޑޫގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ހެކިވަމެވެ.

May be a graphic of text

ރަށު މީހުންގެ ތެރެއިން އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ މީހުންނާ ސަލާމް ކަތީބު ގާތްގުޅުމެއް ބާއްވަވައެެވެ. އަދި ޚިޔާލު ހޯއްދަވައެވެ. ހަމަ އެފަދައިން ރަށާއި މެދު އޭނާ ގެންގުޅުއްވާ ބައެއް ވިސްނުން ހިއްސާ ކުރައްވަ އެވެ. އެ ގޮތުން އަޅުގަނޑާ އެކި ދުވަސް މަތީން ބައްދަލުވެ ވިދާޅުވި ދެކަމެއް މި ލިއުމުގައި ފާހަގަ ކޮށްލާނަމެވެ. އެއިގެން އެއް ކަމަކީ މަތިކޮމަންޑޫ އާއި ކުޑަފަރު ފަޅާއެކު އެއީ ކޮމަންޑޫ ރައްޔިތުންގެ ފަތުވެރިވެރިކަމުގެ ވަޞީލަތަކަށް ހެއްދެވުމަށާއި މެރިކަލްޗަރ މަޝްރޫޢު ހިންގާ ތަނެއްގެ ގޮތުގައި ހެއްދެވުމަށް ގެންގުޅުއްވާ ވިސްނުމެވެ. މަތިކޮމަންޑޫ ގައި ފަތުވެރިކަން ހިންގުމަށް ކޮމަންޑޫ މީހުންނަށް، ބިންދޫކޮށް މަޝްރޫޢު ހިންގާނެ ނިޒާމެއް ގާއިމުކޮށް ވަކިފަރުދުންނާއި ރައްޔިތުންގެ ތަނަވަސް ކަން އިތުރުވާނޭ ގޮތް ކިޔައި ދެއްވިއެވެ. ސަލާމް ކަތީބާއެކު އެކު ހޭދަކުރަން ލިބުނު ވަގުތު ތަކުގައި، މެރިކަލްޗަރ އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާޢަތަށް ވާންވާނޭ ކަމަށް ވިދާޅުވެ އެވެ. (ކަތީބު ކަމަށް ފަހު، ކޮމަންޑޫ ގައި އަމިއްލަ ގޭގައި ހެޗަރީ އެެއް ހައްދަވާ،ޑިނގާ ވިއްސާ، މަތިކޮމަންޑޫ އިން ބިން ކުއްޔަށް ނަންގަވައިގެން ފެންގަނޑުތަކެއް ހައްދަވައިގެން ޑިނގާ ބޮޑުކުރައްވި އެވެ. މާލޭ އިން އެއިގެ ޑިނގާ ރަހަބަލާލުމުގެ ނަޞީބު އަޅުގަނޑަށް ވެސް ލިބުނެވެ)

ރަށްރަށް ލާމަރުކަޒުކޮށްގެން ހިންގުމުގެ ވާހަކަ ތަންކޮޅެއް ގަދަ އަށް އިވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އަޑުގަދަކޮށް އެވާހަކަ ދައްކަވާ ގިނަ މީހުންނަކީ ދުވަހަކުވެސް އަމިއްލަފުޅަށް ލާމަރުކަޒުކޮށް ހިންގުމޭބުނާ ބީދައިން ކަމެއް ކުޅަ ބައެެއް ހެނެއް ހިޔެއް ނުވެއެވެ. ގައުމުތަކުގެ އެކަން ކޮށްފައި އޮތްގޮތުގެ މަޢުލޫމާތު ފޮތްފޮތުންނާ އެކިގޮތްގޮތުން ހޯއްދަވައިގެން ވާހަކަ ދައްކަވާ އުޅުއްވަނީ ކަމަށް ވެދާނެއެވެ.

ލާމަރުކަޒީ ގާނޫން ގެ ވާހަކަ އާއި އެއަށް ގެންނަ އިޞްލާހުގެ ވާހަކަވެސް ދައްކާ އުޅެތެއެވެ. އެކަމަކު، ރަށު ތަރައްޤީ އަށް ކުރާކަން ކަން ވަނީ އިންތިޚާބަކާ ގުޅުވާ ރަށަށް އައިސް ބަނދަރުކުރާ އެއްޗަކަށެވެ. މި ތަރައްޤީ އަކީ މުޅޯއްޓަކަށް އަޅައިގެން އިންތިޚާބު ދުވަސް ވަރު ހަދިޔާ ގެ ގޮތުގައި ގެންނަ ކަންކަމާއި ތަކެއްޗެވެ. އެ ހިފައިގެން އަންނަ އިރު ކުޑަރަށެއް ބޮޑު ރަށެއް ނުބަލާކަމަށް ވެެ އެވެ. ރަށުގައި ބިން އޮތަސް ނެތަސް ފުޓްބޯޅަ ކުޅެން ފުޓްސަލް ކުޑަދަނޑާ ބޮޑު ދަނޑު އަޅައެވެ. ޚަބަރު ލިބޭ ގޮތުގައި އަހަރެއްވާއިރު ބައެއް ރަށް ރަށުގައި ފުޓްބޯޅަ ބޮނޑު ދަނޑުގެ ބޭނުން ހިފަނީ ދެ ފަހަރު އެވެ. އެއީ ކުޑަ ޢީދާއި ބޮޑު ޢީދު ގެ ބޮޑު ޖަމާޢަތް ހެދުމަށެވެ. ފަހަރެއްގައި ވެސް ދަނޑު ތަކުގެ މުހިއްމު ކަން ކުޑަކޮށްލީކީ ނޫނެވެ. ރަށާއި ރަށުގައި ދިރިއުޅޭ މީހުންނާއި އެބައިމީހުންގެ ބޭނުންތަކާއި، މި ފަދަ ތަރައްޤީ ގުޅެނީ ކިހާވަރަކަށްތޯ އާއި އެ ރަށުގައި އެކަން ކުރަން ކަނޑައަޅާ އުޅެނީ، ރަށުމީހުންތޯ ނުވަތަ ރާއްޖޭގެ ވެރިރަށުން ތޯ ދެނެގަތުމަށް ބާރުއެޅުމަށް ފާހަގަ ކޮށްލީ އެވެ.

May be an image of text that says 'Another year has passed in my life. I feel getting closer to my Ajal. Sol I take this opportunity to tell you that, you are special to and you have made a difference in my life, you, and I care for you. You are in my thoughts and in my me respect prayers. Let me also tell you never to deviate deviate from remembering Allah, and to obey his commandments. Abdul Salaam Mohamed 30 March 2020 1:17PM 13.35 gai'

ސަލާމުގެ ވާހަކަ އަށް އެނބުރި ޖެހިލާނަމެވެ. ސަލާމު ފުށުން އެނގުނު ގޮތުގައި، ރަށާއި ރަށުގެ ބޭނުންތައް ރަށުން ދެނެގަނެގެން ވެރިކަން ހިންގައިގެން ރަށާއި ރަށުގެ ރައްޔިތުންގެ އުފާފާގަތި ކަން ހޯދާނީ އެ ރަށަކުންނެވެ. ހުރިހާ ރަށެއްގެ ބޭނުމާއި ރަށު މީހުން ކުރާ މަސައްކަތާއި ދިރިއުޅުމުގެ ވައްޓަފާޅި ތަފާތު ވެދާނެ ކަން ދަންނަންވާނެ ކަން ފާހަގަ ކުރެއްވި އެވެ. އޭނާ އެދުވަހު ތަފްޞީލަށް ވަޑައިގަންނަވަމުން، ދެއްވި އެއް މިސާލަކީ ކޮމަންޑޫގެ އެންމެ އަވައްޓެރި ރަށްކަމުގައިވާ އަލިފުށްޓާއި ކޮަމަންޑޫ ގެ މިސާލެވެ. އަލިފުއްޓަކީ ވަޑިންގެ ގިނަ ރަށެެކެވެ. ކޮމަންޑޫ އަކީ މަސްވެރިން ގިނަ ރަށެކެވެ.
މި ލިއުން ލިޔަމުންދާއިރު އަޅުގަނޑު ހިތަށް އައި އެއްޗެއް ހިއްސާކޮށްލާނަމެވެ. ސަލާމް އެ ވިދާޅުވި ގޮތަށް ރަށާއި ރަށުގައި ބޭނުންތައް ރަށުން ދެނެގަނެގެން ވެރިކަން ހިނގާނަމަ، ކޮމަންޑޫ ގެ މަސްވެރިކަން ކުރާ މީހުން މަދުވެ، މަސްދޯނި ފަހަރު މަހަށް ފުރުން ހުއްޓުނީސްބާވެ އެވެ؟ އަލިފުށީގައި އިހަށްވުރެ، ވަޑާންކުރާ މީހުން މިހާރު އިތުރުވާ އާބާދީ އަކު މަދުވީސް ހެއްޔެވެ؟
ފަހަރެއްގައިވެސް މި ފޮޅުވަތު މަތީގައި އުފައްދާފައިވާ ސުވާލުގެ ބޭނުމަކީ އަދުގެ ނިކަމެތި ކަމެއް ސިފަކުރުމެއް ނޫނެވެ. އެކަމަކު އެއީ ލާމަރުކަޒުކޮށްގެ ރަށްހިންގުމުގެ އަޑުފައްގަޑާއެކު ވިސްނުން ހިންގާލުން ރަނގަޅު ކަމެއް ގެ ގޮތުގައި ފާހަގަ ކޮށްލުމެވެ.

ކޮންމެ އަކަސް ދުނިޔެ އަކީ ވަގުތީ ތަނެއްކަން ހާމަ ކޮށްދެމުން، އަޅުގަނޑުމެންގެ ލޮބުވެތި އަޚު މިފަނާވަނިވި ދުނިޔެ ދޫކުރެއްވިތާ އިއްޔެ އަށް އާދެ، 18 ސެޕްޓެމްބަރ 2026 އަށް ހަތަރު އަހަރުވީ އެވެ. އަވަހާރަވީ، ޢުމުރުފުޅުން 52 އަހަރުގައި، ތަޢުލީމު ޙާޞިލް ކުރެއްވުމަށް މިޞްރަށް ވަޑައިގެން ހުންނަވަނިކޮށެވެ. ﷲ ގެ ކަލާންފުޅު، ކީރިތި ޤުރުއާން ދަސްކުރެއްވުމަށް ޢަަރަބި ބަސް ރަނގަޅު ފެންވަރަކަށް އުނގެނިވަޑައިގަތުމުގެ މަޤްޞަދު ގައެެވެ.

May be an image of text

އަޅުގަނޑުގެ މި ލިއުމުގެ ބޭނުމަކީ މަރުޙޫމުގެ ޒިކުރާ އާކުރުމެވެ. މިއަދަށް ބޭނުންތެރި ފިލާވަޅަކަށް ވާނޭ ގޮތަށް އެ މަރުޙޫމުގެ ކިބައިން އިވުނު ވާހަކަތަކާއި ފެނި ތަޖުރިބާކުރަން ލިބުނު ބައެއް ކަންކަން ހުށަހަޅާލުމެވެ.

ލޮބުވެތި އަޚު ޢަބްދުއްސަލާމު މުޙައްމަދަށް ހެޔޮރަޙުމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އެވެ. ލޮބުވެތި އާއިލާ އެ އިލާޙުގެ ހެޔޮ ރަޙުމަތުގައި ލަހައްޓަވާށި އެވެ. އާމީން.