މަކުނުދޫ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026"ގެ އިއްޔެގެ މެޗުތައް ފޯރިގަދަވެ، ރީނދޫކާޑުތަކާއި، ރަތްކާޑެއް ދައްކަން ޖެހުނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗުތަކުން، އިއްޔެ ރޯނު އެފްސީއާއި ދަގަތަ އެސްސީ ކުޅުނު މެޗަކީ މިހާތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ހޫނު އަދި ފޯރިގަދަ މެޗެވެ. މި މެޗުގައި ގިނަ އަދަދަކަށް ރީނދޫ ކާޑު ދައްކާ، ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ. މި މެޗު ރޯނު އެފްސީން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލް ކޮއްފައިވަނީ ރޯނު އެފްސީގެ ޖާޒީނަންބަރު 30 މުޙައްމަދު އިސާމެވެ.

Ad
rt

މީގެއިތުރުން އިއްޔެ ކުޅުނު ފިރިހެން ޑިވިޜަންގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ ބިއްލެޑޭ އެފްސީއާއި ޗެލެންޖާސް އެސްސީއެވެ. ވަރުގަދަ ހަމަލާތަކެއް ގޯލަށް ސީދާ ކުރުމަށްފަހު، ޗެލެންޖާސް އެސްސީން މި މެޗު ކާމިޔާބު ކުރީ 6-4 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ޗެލެންޖާސް އެސްސީއަށް 3 ލަނޑު ޖަހައިދީ، ހެޓްރިކް ފުރިހަމަކޮއްފައިވާ، ޖާޒީނަންބަރު 10 މުޙައްމަދު އަފްލާޒެވެ.

އަންހެން ޑިވިޜަންގެ މެޗުތަކުން، އިއްޔެ އިހްވާން އެސްސީ އާއި ހޭޅި ބައްދަލު ކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާއިން އިހްވާނު އެސްސީ ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހްވާން އެސްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮއްދިން އަޒްލީނާ އިބްރާހީމެވެ.

ރޭ ކުޅުނު އަންހެން ޑިވިޜަންގެ ފަހު މެޗުގައި ބައްދަލު ކުރީ ޒައިޒީ އަދި ދަގަތަ އެފްސީއެވެ. މި މެޗުގައި ދަގަތަ އެފްސީގެ މައްޗަށް ޒައިޒީ ކުރި ހޯދީ 7-1 ގެ ފުރިހަމަ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒައިޒީއަށް 4 ލަނޑު ކާމިޔާބުކޮށް، ޕޯކާ ފުރިހަމަކޮއްދީފައިވާ އާމިނަތު ޒާހިޔާއެވެ.